އިންޓަރ މިލާނުގެ ކޯޗުކަމުން ވަކިވެ، ސައުދީ ޕްރޯ ލީގުގެ ބޮޑު ކްލަބު އަލް ހިލާލާއި އިންޒާގީ ގުޅިއްޖެއެވެ. އެ ކުލަބާއި އެކު އިންޒާގީ ވަނީ އަހަރަކު 26 މިލިއަން ޔޫރޯގެ މުސާރައަށް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެހެންކަމުން މިއީ 2027 ވަނަ އަހަރާއި ހަމައަށް 84 މިލިއަން ޑޮލަރެވެ. ކުރީގެ ކުލަބުން އޭނާއަށް ލިބުނީ ސީޒަނަކަށް 6.5 މިލިއަން ޔޫރޯ އެވެ.
49 އަހަރުގެ އިޓާލިއަން ކޯޗު އިންޓަރ މިލާނުން ވަކިވެގެން ދިޔައީ އެ ކްލަބަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިދިނުމަށް ފަހުގައެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިފަހަރު ޕީއެސްޖީ އަތުން ބޮޑު ބައްޔަކުން ބަލިވިޔަސް، އޭނާގެ މޭސްތިރިކަމުގައި އިންޓަރ މިލާނުން ވަނީ މުހިންމު 6 މުބާރާތެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެއްފަހަރު ސީރީ އޭ ޗެމްޕިއަންޝިޕް (2023-24)، ދެފަހަރަށް ކޮޕާ އިޓާލިއާ (2021-22، 2022-23)، އަދި ތިންފަހަރަށް ސުޕަރކޮޕާ އިޓާލިއާނާ (2021، 2022، 2023) ހޯދާފައެވެ. މީގެ އިތުރުން އިންޒާގީގެ ދަށުން އިންޓަރ މިލާނުން ވަނީ ދެ ފަހަރެއްގެ މަތިން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގޮސްފައެވެ. ނަމަވެސް، މި ދެ ފައިނަލުގައި ވެސް އިންޓަރ މިލާން ވީ ބައްޔެވެ.
އިންޓަރ މިލާނަށް ދިއުމުގެ ކުރިން އިންޒާގީ ކޯޗުކަން ކުރީ ލާޒިއޯގައެވެ. އެ ކްލަބުގައި ހުރެ އޭނާ ވަނީ އެއްފަހަރު ކޮޕާ އިޓާލިއާ (2018-19) އާއި ދެފަހަރަށް ސުޕަރކޮޕާ އިޓާލިއާނާ (2017، 2019) ކާމިޔާބުކޮށްފައެވެ.
އަލް ހިލާލުގައި އިންޒާގީގެ ފުރަތަމަ ގޮންޖެހުމަކަށް ވާނީ ކުރިއަށް އޮތް ފީފާ ކްލަބް ވޯލްޑް ކަޕްގައި ރިއަލް މެޑްރިޑާއި ދެކޮޅަށް ކުޅެން ޖެހުމެވެ.