ސައޫދީ ޕްރޮފެޝަލަން ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަލް-ރިޔާދު 1-2 ގެ ނަތީޖާއިން ބަލިކޮށް އަލް-ނަސްރު ތިން ޕޮއިންޓު ހޯދައިފި އެވެ.
ފުރަތަމަ ހާފުގެ ފަހު މިނެޓިގައި އަލް-ރިޔާދުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ފާއިޒް ސެލެމާނީ އެވެ.
ދެ ޓީމުންވެސް ގިނަ ހަމަލާތަކެއް ގޯލަށް ފޮނުވާލާ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ދެވަނަ ހާފުގައި އަލް-ނަސްރަށް އުންމީދެއް ގެނެސްދިނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. 56 ވަނަ މިނެޓުގައި ސާޑިއޯ މާނޭގެ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި ރޮނާލްޑޯ ގޯލެއް ޖެހިއިރު އޭގެ 8 މިނެޓު ފަހުން ރޮނާލްޑޯ ވަނީ ހިތްގައިމު ވޮލީއެއް އޭރިޔާ ބޭރުން ގޯލުގެ މަތީ ކަނަށް ވައްދާލާ އަލް-ނަސްރު މޮޅުކޮށްދީފައެވެ.
އަލް-ނަސްރު މިވަޤުތު ތާވަލުގެ 3 ވަނައިގައި 57 ޕޮއިންޓާއެކު އޮތްއިރު އެއްވަނައިގައި އޮތް އަލް-އިތިހާދާ ދެމެދު 8 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އަލް-ރިޔާދު މިވަޤުތު އޮތީ 34 ޕޮއިންޓާއެކު ތާވަލުގެ 9 ވަނައިގައެވެ.
ރޮނާލްޑޯގެ މި ގޯލުތަކާއެކު ލީގުގައި މިހާތަނަށް އޭނާ ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 23 އަށް އަރާފައެވެ. އަލް-ޝަބާބުގެ ހަމްދަﷲ ދެވަނައިގައި 20 ގޯލާއެކު އޮތް އިރު ތިން ވަނައިގައި 17 ގޯލާއެކު އޮތީ އަލް-އިތިހާދުގެ ތަޖުރިބާކާރު ފޯވާޑު ކަރިމް ބެންޒެމާއެވެ.
ރޮނާލްޑޯ މިހާތަނަށް އޭނާގެ ކެރިއަރުގައި 933 ގޯލު ކާމިޔާބު ކޮށްފައިވާއިރު 1000 ހަމަކުރަން އޭނާ ބާކީ ބޭނުން ވަނީ 67 ގޯލެވެ. އޭނާއަކީ މިހާރުވެސް ދުނިޔޭގައި އެންމެ ގިނަ ގޯލު ޖެހި މަޤާމު އޮތް ކުޅުންތެރިޔާއެވެ.