ސައޫދީ ޕްރޯ ލީގުގައި އަލް-ފެއިހާއާ ވާދަކުރި މެޗުގައި ރޮނާލްޑޯ ފަހު މިނެޓުގައި ވައްދާލި ގޯލާއެކު އަލް-ނަސްރު މޮޅުވެއްޖެ އެވެ.
މި މެޗުގައި ފުރަތަމަ ލަޑު ޖަހައި ލީޑު ނަގާފައިވަނީ އަލް-ފެއިހާ އިންނެވެ. 13 ވަނަ މިނެޓުގައި އެ ޓީމަށް ގޯލު ޖަހައިދިނީ ޖޭސަން އެވެ. އަލް-ބަގާވީގެ އެހީތެރިކަމާއެކު އޭނާ މި ގޯލު ކާމިޔާބުކުރީ ކީޕަރު ބޯ މަތިން ބޯޅަ ހިއްލާލައިގެންނެވެ.
މެޗުގެ 37 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ނަސްރަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މި ގޯލު ޖަހަން އޭނާ އަށް އެހީވީ ކޫމަން އެވެ. މެޗުގައި ގޯލު ޖަހާ މޮޅުވާނެ ރަނގަޅު ފުރުސަތުތަކެއް އަލް-ފެއިހާ އަށް ލިބި ވަނީ ބޭކާރުވެފަ އެވެ.
އަލް-ނަސްރު މި މެޗުން މޮޅުވީ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއެއް ރޮނާލްޑޯ ކާމިޔާބުކޮށްގެންނެވެ. މި ޕެނަލްޓީ ލިބުނީ ފެއިހާގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުންނެވެ.
މި މޮޅާއެކު ނަސްރަށް ވަނީ ހަތް މެޗުން ޖުމްލަ 21 ޕޮއިންޓް ލިބިފަ އެވެ. ދެވަަނައިގައި އޮތް އަލް-ތާވޫން އަށް ލިބިފައިވަނީ 18 ޕޮއިންޓެވެ.
ރޮނާލްޑޯގެ މި ދެ ގޯލާއެކު ކެރިއަރުގައި އޭނާ ޖެހި ގޯލުގެ އަދަދު މިވަނީ 952 އަށް އަރާފަ އެވެ.






