އެމްޓީސީސީ އާއި އެލައިޑް އަދި އުރީދޫއާއެކު ރޯޑް ސޭފްޓީ ޕާޓްނަރުންގެ އެއްބަސްވުމެއް ފުލުހުން މިއަދު ހަދައިފި އެވެ.
ފުލުހުން ބުނީ އެ ހިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަނުން މި އަހަރު ކުރިއަށް ގެންދާ ''ރައްކާ ކެމްޕެއިން'' ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ތިން ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެކަމަށްޓަކާ އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެމްޓީސީސީ އާއި އެލައިޑް އަދި އުރީދޫން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލް ނަވީން އެވެ.
އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ. އެލައިޑުގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރަތު މުހައްމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައުދީ އެވެ.
އެ ރަސްމިއްޔާތުގައި މާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރު އާސިމް އަބްދުﷲ އާއި ރޯޑް ޕޮލިސް, ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރުގެ އިތުރުން ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ފުލުހުން ބުނީ މި އެއްބަސްވުންތަކުގެ ދަށުން "ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިންވެންޝަނުން 2025" ވަނަ އަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕެއިން "ރައްކާ"ގެ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ލިބޭނެ ކަމަށެވެ.