މަގުމަތީގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތަކަކުން ވައްކަންކުރާ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަކުން ވައްކަންކުރަން އުޅުނު މީހަކު ހުއްޓުވައި، ވައްކަން ކުރިކަމުގެ ތުހުމަތުގައި އޭނާ ހައްޔަަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ލ. އިސްދޫ, އޯކިޑްމާގެ، އަބްދުއްރަހްމާން ހުސައިން، 33 އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ހުޅުމާލެ ޕޮލްކޯ ފްލެޓްތައް ކައިރި ޕާކިން ޒޯން ކައިރީގައި ހުއްޓައި, އެ ވަގުތު މަގުމަތި ޕެޓްރޯލްކުރަަން އުޅުނު ފުލުހުންނަށް ފެނުމާއެކު އެއްޗެއް ފޮރުވަން މަސައްކަތްކޮށް، ސައިކަލަށް އަރައިގެން ދާން އުޅެނިކޮށް ކަމަށެވެ.
އޭނާ ހުއްޓުވައި، ބެލިބެލުމުން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ގިނަ ވެހިކަލްތަކެއް ހުޅުވާފައިވާކަން ފާހަގަކުރެވުމާއި ގުޅިގެން އޭނާ ބަލައިފާސްކުރި އިރު ވަގަށް ނަގާފައިވާ ބައެއް ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ ސަރަހައްދުގައި ޕާކްކޮށްފައިވާ ނުވަ ކާރަކާއި ޕިކަޕެއް ހުޅުވައި، އެ ވެހިކަލްތަކުން ބައެއް ތަކެތި އޭނާ ވަގަށް ނަގާފައިވެ އެވެ.
ފުލުހުން އޭނާ ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް އެއްލާލުމާއި ގުޅިގެން އޭނާގެ ހާޒިރުގައި އެ ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހައްޔަރުކޮށްފައިވާ މީހާ އާއި އޭނާ އަރައިގެން ދާން މަސައްކަތްކުރި ސައިކަލް ބަލައިފާސްކުރި އިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކާރާއި ސައިކަލްތަކުގެ ތަޅުދަނޑިތަކާއި ފައިސާ އާއި ފޯނުތަކަކާއި ޗާޖިން ކޭބަލް ފަދަ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.