އިންޑިއާގެ އުތުރު ސަރަޙައްދުގައި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ކުރިމަތިވި ގަދަ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ، މަދުވެގެން 36 މީހުން މަރުވެއްޖެ ކަމަށް ޚަބަރުތައް ބުނެފިއެވެ.
މި ވިއްސާރައިގައި އަރުނާޗަލް ޕްރަދޭޝް އަދި އާސާމްގައި 10 މީހުން މަރުވެފައިވާއިރު، ސިކިމްގެ އުތުރުގައި އިންޑިއާ ސިފައިންގެ 3 މީހުން މަރުވެ، 6 މީހުން ގެއްލިފައިވާ ކަމަށް އޭޕީ ނިއުސްއިން ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން، އާސާމްގެ 19 ޑިސްޓްރިކްޓެއްގައި 364,000 އަށްވުރެ ގިނަ މީހުންނަށް މި ކާރިސާގެ އަސަރުކޮށްފައިވާ ކަމަށް ވެއެވެ. ބްރަހްމަޕުޓްރާ އަދި ބަރާކް ކޯރުތަކުން ފެންބޮޑުވެ، ގުވާހާޓީ ސިޓީގައި ފެންބޮޑުވެފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ. އިންޑިއަން އެއަރ ފޯސްއިން ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސް، ހާލުގައި ޖެހިފައިވާ މީހުން ވައިގެމަގުން ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.
މި ކާރިސާގައި މަނިޕޫރުގައި 56,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ. އަދި 10,477 ގެ ހަލާކުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އެންމެ ފަހުގެ މަޢުލޫމާތުތަކުން ދައްކާގޮތުގައި ކޯރުތަކުގެ ފެނުގެ މިންވަރު މިހާރު ދަށަށް ގޮސްފައިވާތީ އިތުރަށް ފެންބޮޑުވުމުގެ ބިރު ވަނީ ކުޑަވެފައެވެ.
އިންޑިއާ މެޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނާގޮތުގައި ހުސްވި މަހު 24 ގައި ފެށި މި އަހަރުގެ މޫސުމީ ވިއްސާރަ ވަނީ މިހާރު ވަގުތީގޮތުން މަޑުޖެހިފައެވެ. އަދި ޖޫން 11 ގެ ހިސާބުން މޫސުމީ ވިއްސާރަ އަލުން ފެށޭނެ ކަމަށް ވެސް އެފަރާތުން ލަފާކުރެވެއެވެ.









