މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން މާމިގިލީގައި ހިންގި އޮޕަރޭޝަނެއްގައި 9 ގުރާމް މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށް ފޮޓޯ ޢާންމުކޮށްފިއެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގެތެރެއިން މަދު ޢަދަދެއް ފެނުނަސް މިހާރު އެ ކުށްކުރާ މީހުންގެ ވަނަވަރު ޢާންމުކުރާކަން ފާހަގަ ކުރެވެއެވެ.
މާމިގިލީގައި އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރީ އެރަށު 5 މީހުންނެވެ. އެއީ ރީފްސައިޑް ގޭގެ ރިސްވާން އިބްރާހިމް (30 އަހަރު)، ވިލެޖް ގޭގެ އަޙްމަދު ފިރުޝާން (28 އަހަރު)، ރޯޅި ގޭގެ މުޙައްމަދު ޝަހުދު (27 އަހަރު)، ކުވައިތު ގޭގެ މުޙައްމަދު މަޙްމޫދު (34 އަހަރު) އަދި އެވަރެސްޓް ގޭގެ ޢަލީ ޝާނީޒް (39 އަހަރު) އެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނުގައި މި ފަސްމީހުން ހައްޔަރުކޮށް، އެމީހުންނާއި ގުޅުންހުރި 7 ތަނެއް ބަލައި ފާސްކުރިއެވެ. މި ބަލައި ފާސްކުރުމުގައި 9.68 ގްރާމްގެ މަސްތުވާތަކެތި ފެނުނެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ރިސްވާން އިބްރާހިމާއި މުޙައްމަދު މަޙްމޫދު 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށާއި އަދި އަޙްމަދު ފިރުޝާން، މުޙައްމަދު ޝަހުދު އަދި ޢަލީ ޝާނީޒް 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.