ފުލުހުން ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 560 އަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި އެވެ.
ފުލުހުން ބުނީ ފުލުހުން ޓޯކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި އުޅަނދުތަކެއް ނައްތާލާފައިވާ ކަމަށެވެ. ޖުމްލަ 568 އުޅަނދު ގަވާއިދުގައިވާ ގޮތުގެ މަތިން ނައްތާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނައްތާލި އުޅަނދުތަކުގެ ތެރޭގައި ދެ ފުރޮޅުލީ 524 އުޅަނދާއި ހަތަރު ފުރޮޅުލީ 44 އުޅަނދު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ނައްތާލާފައި ވަނީ މިދިޔަ މަހުގެ 31 ގެ ނިޔަލަށް ޓޯކޮށްފައިވާ އުޅަނދުތައް ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި, މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތަފާތު އެކި އޮޕަރޭޝަންތައް އަންނަނީ ހިންގަމުންނެވެ. އަދި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ވެސް އަންނަނީ ޓޯކުރަމުންނެވެ.