އައިފީލް މޯލްޑިވްސް ޗައިނާ އިވެންޓް ވަރަށް ކާމިޔާބު

ހުސައިން އިސްމާއިލް | 31 ދުވަސް ކުރިން - 1 ޖޫން 2025 21:55
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން ޗައިނާގައި އައިފީލް އިން ބޭއްވި އިވެންޓުގެ ތެރެއިން.
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން ޗައިނާގައި އައިފީލް އިން ބޭއްވި އިވެންޓުގެ ތެރެއިން.
ޚުލާސާ

އައިފިލް މޯލްޑިވްސް އިން ވަނީ ޓޫރިޒަމްގެ އިތުރުން ދިވެހިންގެ ޕްރޮޑަކްޓްސް ތައް ވެސް ޖަޕާނާއި އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިޝްތިހާރު ކުރުމަށް ޢާންމުންނަށް ފުރުސަތު ހުޅުވާލާފަ.

"އައި ފީީލް މޯލްޑިވްސް" އިން އަމިއްލައަށް އިސްނަގައިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޗައިނާގައި ބޭއްވި އިވެންޓުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފިކަމަށާއި، މިކަމުގެ ސަބަބުން ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި އިތުރަށް މަޝްހޫރުވެގެން ގޮސްފައިވާ ކަމަށް ލެޓްސްގޯ މޯލްޑިވްސް އިން ބުނެފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން ފުރުސަތު ފަހިވާ ގޮތަށް ލެޓްސް ގޯ މޯލްޑިވްސް އަށް އެއްބާރުލުން ދިނުމަށް އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައެވެ. މިއާއެކު ފަތުރުވެރިކަމުގެ އިތުރުން ލޯކަލް ޕްރޮޑަކްޓްސް ތައް ބައިނަލްއަގުވާމީ މާކެޓުގައި އިޝްތިހާރު ކުރުމަށް ވެސް އައިފީލް އިން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

"ދިވެހިންނަކީ ކްރިއޭޓިވް ބައެއް. ބޭނުމީ އެމީހުން ތައްޔާރުކުރާ އުފެއްދުންތައް މާކެޓްކޮށް ދޭނެ ޕްލެޓްފޯމެއް. އައިފިލް މޯލްޑިވްސް އިން ބޭނުންވަނީ ހުރިހާ އެންމެންނާއި ވެސް ގުޅިގެން މިތަކެތި އިޝްތިހާރުކުރަން. ރިސޯޓާއި ގެސްޓުހައުސް އެކަންޏެއް ނޫނޭ. އަމިއްލަ އުފެއްދުންތައްވެސް. މިއީ މުޅި ޤައުމަށް ކޮށްދޭ ކަމެއް" އައިފީލް މޯލްޑިވްސް އިން ބުންޏެވެ.

އައިފީލް އިން ޗައިނާގައި ކުރިޔަށްދިޔަ ކެމްޕޭނަކީ ޗައިނާގެ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤުބޫލު ކެމްޕޭނެއް ކަމަށްވެސް އައިފީލްގެ މާކެޓިން ޑިރެކްޓަރ މުޙައްމަދު ބައްސާމް ވިދާޅުވިއެވެ. އެއާއެކު ޗައިނާގެ އެކި ސަރަޙައްދުތަކުން ދިވެހިރާއްޖެއަށް ސީދާ ފްލައިޓްތައް އިތުރުކުރުމަށް ވެސް އައިފިލް މެދުވެރިކޮށް އައްޑޫ ކައުންސިލާއި މޯލްޑިވިއަން އާއި އަދި ޗައިނާގައި ހުންނަވާ އެމްބެސެޑަރ ފާޒިލް ނަޖީބު ވަނީ މަޝްވަރާކުރައްވާފައެވެ.

ޗައިނާގައި ހުންނަވާ ރާއްޖޭގެ އެމްބެސެޑަރ ފަޒީލް ނަޖީބު، އައިފީލް އާއި ރާއްޖޭގެ ޓުއަރ އޮޕަރޭޓަރުން ގުޅިގެން ޗައިނާގައި ބޭއްވި އިވެންޓުގައި.

މި ކެމްޕޭނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މެއި 27 އިން 29 އަށް ޝަންހާއީގައި ކުރިޔަށްދިޔަ އައިޓީބީ ޗައިނާ 2025 ގައި ދިވެހިރާއްޖޭގެ ރަސްމީ ބްރޭންޑުގެ ގޮތުގައި “އައިފީލް” ބައިވެރިވެ ގިނަ ބަޔެއްގެ މަޤްބޫލުކަން ހޯދުމެވެ. މީގެ ކުރިއާއި ޚިލާފަށް މިފަހަރުގެ އިވެންޓުގައި ޗައިނާގެ ރައްޔިތުންނަށް ރާއްޖެއާއި ބެހޭ މީގެ ކުރިން ނޭނގޭ ގިނަ މަޢުލޫމާތުތައް ލިބިފައި ވެއެވެ.

“ރާއްޖެއަކީ އަބަދުވެސް ޗައިނާއަށް މަޤްބޫލް މަންޒިލެއް. އެހެންނަމަވެސް އަސްލު އެންމެ ހިތްހަމަޖެހޭ މިންވަރަށް އެޤައުމުން ރާއްޖެއަށް ފަތުރުވެރިން ނާދޭ. އެމީހުން ޤަބޫލުކުރަނީ ރާއްޖެ އަގު ބޮޑުކަމަށް. އެއީ އަސްލު އެކަށީގެންވާ މިންވަރަށް ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން ނާންނަ ސަބަބަކީ. ކުރިން ޗައިނާ މީހުން ޤަބޫލުކުރަނީ ރާއްޖެ އަގު ބޮޑު ކަމަށް. ޖަޕާނުގައި ވަކިން ބޮޑަށް މިކަން އެބައޮތް. އެކަމަކު އަޅުގަނޑުމެންގެ ޗައިނާ އިވެންޓުގެ ތަޖުރިބާ އަށް ބަލައި އެކަން ޖަޕާން ޓުއަރ އޮޕަރޭޓަރުންނަށް ކިޔައިދޭނަން. އަޅުގަނޑުމެން ވާނީ ރާއްޖޭގެ ލޯއެންޑް ޓުރިޒަމް ވެސް ޕިކްނިކް އައިލެންޑުން ފެށިގެން ޑައިވިން ކުރުމާއި އާއި ޑޮލްފިން ބެލުމާއި މަންތާ ވެސް ފެންނާނެކަން ބުނެދީ، ރާއްޖޭގެ ގެސްޓްހައުސްތައް ވެސް ޗައިނާ ފަތުރުވެރިންނަށް އިންޓްރޮޑިއުސް ކޮށްދީފަ. ގިނަ ބޭފުޅުންނަށް ހީވެފަ އޮތީ މުޅިން ވެސް ހައިއެންޑް ނުވަތަ ލަގްޒަރީ ޓުއަރ އަށޭ ރާއްޖެއަށް އާދެވޭނީ. ނުވަތަ ވަރަށް ގިނަ ޢަދަދެއްގެ ފައިސާ ޚަރަދު ކޮށްގެންނޭ އާދެވޭނީ. ނަމަވެސް އަޅުގަނޑުމެން ކިޔައިދިނީމާ މިހާރު އެމީހުން ޤަބޫލުކުރޭ ރާއްޖޭގައި އެބަހުރިކަން ލޯބަޖެޓުގައިވެސް އެމީހުން ހިތްއެދޭ އުފާތައް ޙާޞިލް ކޮށްލެވޭނެ ފުރުޞަތުތައް. މިއީ ޖަޕާން މާކެޓް ވެސް ރާއްޖެއަށް އަކުން ހޯދިދާނެ ފުރުސަތެއް. ޖަޕާން މާކެޓް މިހާރު އޮތީ ރާއްޖެއަށް ގެއްލިފަ. އަޅުގަނޑުމެން އިރާދަކުރެއްވިޔާ ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީ ގައި މަސައްކަތްކުރާ ފަރާތްތަކާއި ޖަޕާނާއި ގުޅުވަދޭނަން.” ބައްސާމް ވިދާޅުވިއެވެ.

ޖަޕާން ފެއާރގައި ބައިވެރިވުމަކީ ގެސްޓުހައުސް ތަކާއި ޓްރެވެލް އެޖެންސީ ތަކަށް ވަރަށް މުހިއްމު ފުރުސަތެއް ކަމަށް ފާހަގަ ކުރައްވައި ބައްސާމް ވިދާޅުވީ ޗައިނާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު މާކެޓް ކަމަށް ވާއިރު އެގައުމުން މަދުވެގެން އިތުރު 9 ޕަސެންޓަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށާއި، ޖަޕާނުން ވެސް ދިވެހި ރިސޯޓުތަކަށާއި ގެސްޓުހައުސް ތަކަށް ގިނަ ފަތުރުވެރިން ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. 7711036 އަށް ގުޅުއްވައިގެން ޖަޕާން ފެއާރގައި ބައިވެރިވެވޭނެއެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން ޗައިނާގައި އައިފީލް އިން ބޭއްވި އިވެންޓުގެ ތެރެއިން.

މީގެއިތުރުން ބައްސާމް ވިދާޅުވީ، ޗައިނާގެ އެކި ސަރަޙައްދުތަކުން ދިވެހިރާއްޖެއަށް ސީދާ ފްލައިޓްތައް އިތުރުކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށާއި އިރާދަކުރެއްވިޔާ ކުރިޔަށް އޮތްތަނުގައި ޖަޕާނުން ވެސް ގިނަ ޢަދަދަކަށް ރާއްޖޭގެ ރިޒޯޓުތަކާއި ގެސްޓުހައުސް ތަކަށް ފަތުރުވެރިން ހޯދޭނެ ކަމަށެވެ.

މި ކެމްޕޭނުގައި ބައިވެރިވި ފަރާތްތަކުން ވަނީ ޗައިނާގެ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ރިސޯޓު ޕެކޭޖުތަކެއް ޕްރޮމޯޓްކޮށްފައެވެ. މި ޕެކޭޖުތަކުގައި ރަށްފުށުގެ ތަޖުރިބާތަކާއި ލަގްޒަރީ ރިސޯޓުތަކުގެ މަޢުލޫމާތު ހިމަނާފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މި ކެމްޕޭނުގެ ނަތީޖާ މިހާރު ވެސް ފެންނަން ފަށާފައިވާ ކަމަށާއި ޗައިނާގެ އާއެޖެންޓުން ރާއްޖޭގެ ރިސޯޓުތަކަށާއި ގެސްޓުހައުސްތަކަށް ބުކިން ހަދަން ފަށަފައިވާ ކަމަށް ވެސް ބައްސާމް ބުންޏެވެ. ދެން އެންމެ އަވަހަށް އޮތީ ޖަޕާނުގައި ބާއްވާ އިވެންޓެވެ. ޖަޕާނަށް ފެއާރގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވަނީ އެ ފުރުސަތު މިހާރު ހުޅުވާލާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%