އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުގެ ކަންކަން ބަލަހައްޓަމުންދާ އދގެ އެޓޮމިކް ހަކަތައާއި ބެހޭ ބައިނަލްއަޤުވާމީ އިދާރާ (އައިއޭއީއޭ) މެދުވެރިކޮށް، އީރާނުން ބައިނަލްއަޤްވާމީ މުއާހަދާ އަކާއި ޚިލާފުވެފައިވާ ކަމަށް ކަނޑައެޅުމަށް ހުޅަނގުގެ ބާރުތަކުން މަސައްކަތް ކުރަމުންދާ ކަމަށް މަސްދަރުތަކުން މަޢުލޫމާތު ދީފިއެވެ.
އައިއޭއީއޭގެ ބޯޑުގެ ބައްދަލުވުމެއް ޖޫން މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ބައްދަލުވުމުގެ ކުރިން އީރާނުގެ ނިއުކްލިޔަރ މަޝްރޫޢާއި ގުޅޭ އެންމެ ފަހުގެ ރިޕޯޓުތައް މެންބަރު ޤައުމުތަކާއި ހިއްސާކުރުމަށް އައިއޭއީއޭއިން ދަނީ ތައްޔާރުވަމުންނެވެ. މި ރިޕޯޓުތަކުގެ ތެރޭގައި ނިއުކްލިޔަރ އާއި ގުޅުން ހުރި ކަންކަމުގައި އީރާނުން އެއްބާރުލުންދޭ މިންވަރާއި އެހެނިހެން މަޢުލޫމާތު ހިމެނޭ ތަފްސީލީ ރިޕޯޓެއް ވެސް ހިމެނެއެވެ.
މި ރިޕޯޓުގގައި ހިމެނޭނެ ކަމަށް ބެލެވޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ނިއުކްލިޔަރ ހަތިޔާރު އުފެއްދުން ހުއްޓުވުމާއި ގުޅޭގޮތުން ޤާއިމުކޮށްފައިވާ ބައިނަލްއަޤްވާމީ މުއާހަދާއެއް ކަމަށްވާ ނަން ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ) އާއި އީރާނުން ޚިލާފުވެފައިވާ ކަމަށް ކަނޑައެޅުމަށް އައިއޭއީއޭއަށް އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތުން ފިއްތުންތައް ކުރިމަތިކުރުވަމުންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ހުޅަނގުގެ ބާރުތަކުން ބުނާ ގޮތުގައި ނިއުކްލިޔަރ މަރުކަޒުތަކުގެ ގޮތުގައި ކަނޑައަޅާފައި ނުވާ ބައެއް ސަރަޙައްދުތަކުން ޔުރޭނިއަމްގެ އަސަރު ފެނިފައިވާތީ، އެއީ މުއާހަދާގެ ޤަވާއިދުތަކާއި އީރާނުން ޚިލާފުވެފައިވާ ކަމުގެ ހެއްކެއް ކަމަށް އެ ޤައުމުތަކުން ޤަބޫލުކުރެއެވެ. އަދި މިކަމާއި ގުޅޭގޮތުން އީރާނުން އަވަސްވެގަންނަން ޖެހޭ ކަމަށް ވެސް އެ ޤައުމުތަކުން ބުނެއެވެ.
އައިއޭއީއޭގެ ތަފްސީލީ ރިޕޯޓު ނެރުމުން، އެމެރިކާއިން ނުވަތަ ހުޅަނގުގެ ބާރުތައް ގުޅިގެން އީރާނުން އެންޕީޓީގެ ޝަރުތުތަކާއި ޚިލާފުވެފައިވާ ކަމަށް ބަޔާންކޮށް ޤަރާރެއް ތައްޔާރުކޮށް، ޖޫން މަހުގެ ބޯޑު ބައްދަލުވުމުގައި ހުށަހަޅާނެ ކަމަށް ބެލެވެއެވެ.
އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ އެފަދަ ޤަރާރެއް ނެރެފި ނަމަ އެ ޤަރާރުގައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އީރާނުގެ ނިއުކްލިޔަރ މަސައްކަތްތައް އިތުރުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އައިއޭއީއޭގެ ބޯޑުން ފަހުގެ ތާރީޚުގައި ވަނީ ހުޅަނގުގެ ބާރުތަކުން އެ ބޯޑަށް ހުށަހަޅާ ހުރިހާ ޤަރާރެއް ވެސް ފާސްކޮށްދީފައެވެ. އެހެންކަމުން މި ޤަރާރު ވެސް ފާސްވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ރަޝިޔާއާއި ޗައިނާއިން މިފަދަ ހުށަހެޅުންތަކާއި ދެކޮޅަށް ވޯޓުދޭކަން ފާހަގަކުރެވެއެވެ.
އައިއޭއީއޭއިން ލަފާކުރާ ގޮތުގައި އީރާނުގެ އަތުގައި މިހާރު ހުރި ޔުރޭނިއަމް އިތުރަށް މުއްސަނދިކޮށްފި ނަމަ އެ ޤައުމަށް ނިއުކްލިޔަރ ހަތިޔާރު އުފެއްދޭނެއެވެ. އީރާނުން މިހާރު ވެސް 60 އިންސައްތަ އަށް ޔުރޭނިއަމް މުއްސަނދިކުރަމުންދާއިރު، ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 އިންސައްތައިގެ ޔުރޭނިއަމް މުއްސަނދިކުރުމަކީ އެ ޤައުމަށް އުނދަގޫ ކަމަކަށް ނުވާނެ އެވެ.









