މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ވަޑައިގެންނެވި 1،000 ޙައްޖުވެރިން މިހާރު މައްކާއަށް ވަޑައިގެންފައިވާ ކަމަށާއި، ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް ޙައްޖު މިޝަނުން ހާމަކުރައްވައިފިއެވެ.
ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، ޙައްޖުވެރިން މައްކާއަށް ވަޑައިގެންފައިވަނީ ހަތަރު ފްލައިޓެއްގައެވެ. އަދި މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިންނަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވުމާއެކު، ޙައްޖުވެރިންގެ ދަތުރަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންގޮސްފައިވާ ކަމަށް އެ މިޝަނުން ފާހަގަކުރެއްވިއެވެ.
މި އައު އިންތިޒާމުގެ ސަބަބުން ޖިއްދާ އެއާޕޯޓުގައި ޙައްޖުވެރިން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެގެން ގޮސްފައިވާ ކަމަށާއި، މިކަމާމެދު ޙައްޖުވެރިން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށްވެސް ޙައްޖު މިޝަނުން ވިދާޅުވިއެވެ.
ޙައްޖުވެރިން މަޝާޢިރުތަކަށް ވަޑައިގަތުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުން މިހާރު ކުރިއަށް ގެންދަވާއިރު ޙައްޖުވެރިންނާއި ގުޅުންހުރި އެހެނިހެން ކަންކަން ސަޢުދީ ސަރުކާރާއި ގުޅިގެން ދިވެހި ޙައްޖު މިޝަނުން ބަލަހައްޓަވަމުން ގެންދަވައެވެ.
މިއަހަރުގެ ޢަރަފާތް ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.