ރައްޔިތުންނަށް އަގުހެޔޮކޮށް ފެންވަރު ރަނގަޅު އައިނު ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން އައިނުގެ ވިޔަފާރިއަށް ވަންނަން ނިންމައިފިއެވެ. މިކަން މިއަދު އިޢުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، ބައެއް ވިޔަފާރިވެރިން ރައްޔިތުންގެ އަތުން ބޮޑެތި އަގުތައް ނަގަމުންދާތީ، އެކަން ހުއްޓުވުމަށްޓަކައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނުގެ ވިޔަފާރި ފަށާނެއެވެ. މީގެ އިތުރުން، އައިނަށް އާސަންދައިން ދޫކުރާ މިންވަރު 1000 ރުފިޔާއިން 2000 ރުފިޔާއަށް މަތިކުރެވޭނެއެވެ.
މިހާރު އާންމުކޮށް ނަންބަރު އައިނެއް ހެދުމަށް 4000 އާއި 6000 ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދުކުރަން ޖެހެއެވެ. ސަރުކާރުން މި ފިޔަވަޅު އަޅުއްވަނީ މިފަދަ މަތީ އަގުތަކުން ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމަށެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ ޞިއްޙަތަށް އިސްކަންދެއްވާ ކަމަށާއި، ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދިނުމުގެ އާދަ ނައްތާލުމަށް މަސައްކަތްކުރައްވާ ކަމަށެވެ. މިގޮތުން، ކުރިން ސިނގިރޭޓުގެ ވިޔަފާރި ހުއްޓުވާލުމަށް އެޅުއްވި ފިޔަވަޅުތަކަށްވެސް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ.