ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަޤާމަށް މ. ލާލުބާގް، އަޙްމަދު ޝަހީރު ހަމަޖައްސައިފިއެވެ.
އެ މަގާމަށް ޝަހީރު އައްޔަންކޮށްފައިވަނީ މިއަދު ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓަައިޒޭޝަން ބޯޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.
މީގެ ކުރިން ޝަހީރު ވަނީ ފެނަކައިގެ ޗެއާމަންކަން ވެސް ކުރައްވާފައެވެ. އަދި 2015 އިން 2018 ވަނަ އަހަރާ ދެމެދުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާފައިވެއެވެ.
އެސްޓީއޯގައި ޝަހީރު 29 އަހަރު މަސައްކަތް ކުރެއްވިއިރު، މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ ޕްރޮކިއުމަންޓް ހެޑްގެ މަޤާމުގައެވެ.
އެޗްޑީސީގެ ޗެއާމަންގެ މަޤާމުގައި އެންމެފަހުން ހުންނެވީ އަހުމަދު ނާސިފް (ޑީޑީ) އެވެ. މިދިޔަ މާޗު މަހު އޭނާ ވަނީ އެ މަޤާމުން ވަކިކޮށް، ވެމްކޯގެ ޗެއާމަނަކަށް އައްޔަންކޮށްފައެވެ.