މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރާ ބަންގުލަދޭޝްގެ ދެމީހަކު ޑީޕޯޓްކުރަން މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެމީހުން ހައްޔަރުކުރީ ބަނގުރާ ގެންގުޅެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި އިއްޔެ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް ދެ މީހުން ކަމަށްވާ ޝަރިފް އުއްދީން, 37 އާއި މަނިމަރަން ރަވީޗަންދްރަން, 24 އެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި މާލޭ ގެއެއް ބަލައި ފާސްކުރި އިރު, ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500އެމްއެލްގެ 25 ފުޅި އާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 5 ލީޓަރުގެ ހަތަރު ފުޅި އާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
މި މައްސަލަ އާޚ ގުޅިގެން ހައްޔަރުކުރި ދެ މީހުން ޑީޕޯޓުކުރުމަށް އިމިގްރޭޝަނާއި މިހާރު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.