ށ. މިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މިލަންދޫގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މީހުން ހައްޔަރުކުރީ މިލަންދޫ ޕޮލިސް ސްޓޭޝަނުން މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ.
ފުލުހުން ބުނީ މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި މިލަންދޫ ގެއެއް ބަލައި ފާސްކުރި އިރު, މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި ތިން ކަރުދާސްކޮޅު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އެ ރަށު ވެނީލާހައުސް، އަހްމަދު އާލިމް, 32 އާއި އެ ރަށު އިރުމަތީގެ، މުހައްމަދު ސާމިރު, 37 އަދި އެ ރަށު ތަބުރުމާގެ، މުހައްމަދު ނަޖާހު, 29 އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ މިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.








