ބީއެމްއެލްގެ ޙިއްސާއަކަށް 55 ރުފިޔާ މިއަދު ޖަމާކުރާނީ! މިއީ ރެކޯޑެއް

އުސްތާޛް މުޙައްމަދު ޢަލީ | 1 ދުވަސް ކުރިން - 29 މޭ 2025 10:36
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ /، ފޮޓޯ: ބީއެމްއެލް.
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ /، ފޮޓޯ: ބީއެމްއެލް.
ޚުލާސާ

މިދިޔަ އަހަރު ބޭންކުން 2.8 ބިލިޔަން ރުފިޔާގެ އާމްދަނީއެއް. ސާފު ފައިދާގެގޮތުގައި 2.25 ބިލިޔަން ރުފިޔާ. ހިއްސާ ފައިދާތައް މިއަދު ޖަމާކުރާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮންމެ ޙިއްސާއަކަށް 55 ރުފިޔާ ބެހުމަށް ނިންމައިފިއެވެ. މިއީ އެ ބޭންކުގެ ތާރީޚުގައި ޙިއްސާއަކަށް އެންމެ ބޮޑު އަދަދެއް ކަނޑައެޅި ފަހަރެވެ.

ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި، ޖދާޅުވީ، ނިމިގެން ދިޔަ އަހަރަކީ ބީއެމްއެލްއިން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރު ކަމަށެވެ.

މިދިޔަ އަހަރު ބޭންކުން 2.8 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ހޯދާފައިވާއިރު، ޓެކުހުގެ ގޮތުގައި 643 މިލިޔަން ރުފިޔާ ދައްކާފައިވެއެވެ. ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެގޮތުގައި 2.25 ބިލިޔަން ރުފިޔާ ހޯދާފައިވާކަމަށް ބޭންކުން ބުނެފައިވެއެވެ. މިއީ ކުރީ އަހަރާއި އަޅާ ބަލާއިރު 8 އިންސައްތަ އިތުރު އަދަދެކެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މި ނަތީޖާއިން ދައްކުވައިދެނީ ބޭންކުގެ މުވައްޒަފުންގެ ހިތްވަރުގަދަކަމާއި، ބޭންކުގެ ހިންގުމުގެ ހަރުދަނާކަމާއި ސްޓެބިލިޓީ ކަމަށެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިޔަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 497 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފުރަތަމަ ކުއާޓަރގައި ބީއެމްއެލްއިން ފަރުދުންނާއި ވިޔަފާރިތަކަށް އަލަށް 1.7 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށާއި، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 72 އިންސައްތައިގެ ކުރިއެރުމެއްކަމަށް ޝަރީފް ވިދާޅުވިއެވެ. މި ނަތީޖާތަކަކީ ބޭންކުގެ ސްޓްރެޓެޖީ ތަންފީޒުކުރުމުގައި ގެންގުޅޭ ހަރުދަނާ އުސޫލާއި ރިސްކު މެނޭޖްކުރުމާއި އަދި ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރުގެ ހެއްކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ފާސްކުރި ގޮތަށް، ޙިއްސާއަށް ލިބޭ ފައިދާ މިއަދު ޖަމާކުރާނެކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%