ޤަވާޢިދާއި ޚިލާފަށް ރާއްޖޭގައި ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އިންޑިއާގެ ތިން މީހަކު މާލެއިން ހައްޔަރުކޮށް, ޑީޕޯޓްކުރަން ހަވާލުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާ ތިން މީހުން ކަމަށްވާ ސަހަޔާ އަޖިން ފްރެންޗިސް, 27 އާއި ކަރުއްޕިއަހް ސުއްބައިއާ, 52 އަދި ސައުތަރާ ރަޖަން އަނަންޗާ ޕެރުމަލް, 49 އެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި މާލޭ މަގުމަތިން އެ ތިން މީހުން ހުއްޓުވައި ބަލައި ފާސްކުރި އިރު, ތިން ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500އެމްއެލްގެ 30 ފުޅި އާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 5 ލީޓަރުގެ ތިން ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ތިން މީހުން ޑީޕޯޓުކުރުމަށް މިހާރު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.