ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާ / ޖަމާއަތްތަކުން ރާއްޖޭގެ މުޖްތަމައު ބާރުވެރިކުރުމުގެ ގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެޖަމްއިއްޔާތަކުގެ އަގުވަޒަން ކުރުމުގެގޮތުން ދިނުމަށް ކަނޑައަޅާފައިވާ "ސިވިލް ސޮސައިޓީ އެވޯޑް" އަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
މިއިނާމަކީ އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް އަމިއްލައިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމްޢިއްޔާއެއް ނިސްބަތްވާ މުޖްތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްއިއްޔާ ތަކަށް ދެވޭ އިނާމެކެވެ.
މި އިނާމުގެ ސަބަބުން ޖަމްއިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެއެވެ.
މަދަނީ ޖަމްއިއްޔާތަކުގެ އިނާމް ލިބޭފަރާތްތަކަށް، ޖަމްއިއްޔާތަކަށް ދެވޭ ހާއްސަ އެވޯޑާއި، ސެޓްފިކެޓް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއެވޯޑަށް ނަން ހުށަހެޅުމަށް ޝައުގުވެރިވާ ޖަމްއިއްޔާތަކުން، 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ޔޫތު މިނިސްޓްރީގެ ކައުންޓަރަށް (ސޯޝަލް ސެންޓަރ) އެޕްލިކޭޝަން ފޯމް ނުވަތަ އެ މިނިސްޓްރީގެ އީމެއިލްއަށް [email protected] މެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
މަދަނީ ޖަމްޢިއްޔާތަކުގެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.