މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސަސް އޮތޯރިޓީ (މިފްސާ) އަށް ސީއީއޯއަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް މީހަކު ހޮވުމަށް ހަމަޖެހިފައި ވަނީ 5-10 އަހަރުގެ މުއްދަތަށް ކަމަށެވެ.
ސީއީއޯ ކަމަށް ކުރިމަތިލާ މީހަކީ މަގާމާ ގުޅުންހުރި ދާއިރާތަކުން 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވުމާއެކު، ގާނޫނީ, އިކޮނޮމިކްސް، އެކައުންޓިން ނުވަތަ ބިޒްނަސް ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ. އަދި އެ މީހަކީ މުއައްސަސާއެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވެސް ވާން ޖެހޭނެ އެވެ.
އެ މަގާމަށް ހޮވޭ މީހަކަށް މުސާރައިގެ ގޮތުގައި މަހަކު 57،000ރ. ލިބޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެ އިއުލާނުގައި ބުނީ އެ މަގާމަށް ޝައުގުވެރިވާ މީހުން ބޭނުންވާ ލިޔެކިޔުންތަކާއެކު އަންނަ މަހު އެކެއްގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން ވާނެ ކަމަށެވެ.
މިފްސާ އަކީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނނަ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވީ މިދޔަ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ.