ރަށްރަށުގެ މަގު ހެދުމާއި ގުޅޭގޮތުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މަޢުލޫމާތު ދެއްވާފައިވަނީ ރަނގަޅަށް ނޫންކަމަށާއި، އެކަން އިސްލާޙުކޮށް އަލުން ޖަވާބު ދިނުމަށް އަންގާފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން އެ ވުޒާރާއިން ހޯދުމަށް އެދިފައިވާ މަޢުލޫމާތެއްގައި ރަނގަޅުނޫން މަޢުލޫމާތު ހިމަނާފައިވާކަން ހާމަކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ ތަފާތު ކުލަކުލައިގެ ގައު އެތުރުމާއި ގުޅޭގޮތުން މިހާތަނަށް ސޮއިކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން އއ. ތޮއްޑޫ ކައުންސިލުން އެކަމަށް އެދި ރަސްމީކޮށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވުޒާރާއަށް އަންގާފައިވާ ކަމަށެވެ.
ހަމައެއާއެކު، ލޯކަލް ޓޫރިޒަމް ހިންގަމުން އަންނަ ރަށްތަކުން އެކި ބައްދަލުވުންތަކުގައި ތާރު އެޅުމުގެ ބަދަލުގައި ފަތުރުވެރިން ގަޔާވާނެފަދަ ގޮތަކަށް އެކި ކުލަ ކުލައާއި ޕެޓާންތަކުގެ ގައު އަތުރައިގެން މަގު ހެދުމަށް މަޝްވަރާކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
ރަށްރަށުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމަކީ ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރީތިކަން ގެއްލޭ ކަމެއްކަމަށް ގިނަ ބަޔަކު ދެކޭކަން ފާހަގަކުރެވެއެވެ. ނަމަވެސް، ރަށްރަށުން މިފަދަ ހުށަހެޅުންތައް އަންނަމުންދާތީ ކުރިއަށް އޮތްތަނުގައި އެގޮތަށް މަގުތައް ޑިޒައިންކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.