ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް އެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާކުރުމަށް ބާއްވާ "އޭވިއޭޝަން ފޯރަމް" މިއަދު ފަށައިފި އެވެ.
މީޑިއަމް އިވެންޓްސް އިން އިންތިޒާމުކޮށްގެން އެއް ދުވަހަށް ކުރިއަށް ގެންދާ މި ފޯރަމް ބާއްވަނީ ހުޅުލޭ އައިލެންޑު ހޮޓެލްގަ އެވެ.
މި ފޯރަމުގައި އެއާލައިން އޮޕަރޭޝަންސް ކޮމިޓީ (އޭއޯސީ) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި މޯލްޑިވްސް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ކަހަލަ މި ދާއިރާގެ މުހިންމު ޖަމިއްޔާތަކުން ބައިވެރިވެ އެވެ.
މީޑިއަމް އިވެންޓްސް އިން ކުރިން ބުނެފައިވާ ގޮތުގައި، އެވިއޭޝަން ސިނާއަތުގައި ހުރި ބޮޑެތި ގޮންޖެހުންތަކާއި ގުޅޭ ގޮތުން މި ފޯރަމްގައި މަޝްވަރާތައް ކުރާނެ އެވެ. އެއީ އޮޕަރޭޝަންތަކާއި ސިޔާސަތު އެކުލަވާލުމާއި ސަލާމަތީ މިންގަނޑުތަކާއި އާލާތްތަކާއި ސަރުކާރާއި އަމިއްލަ ފަރާތްތައް ވެސް ހިމެނޭ ގޮތުން ދާއިރާގެ އެކި ފަރާތްތަކަށް ހުރި ގޮންޖެހުންތަކެވެ.
އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ)އިން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އޭވިއޭޝަން ސިނާއަތް 154 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކުރެވެ އެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން 2038 ވަނަ އަހަރާއި ހަމައަށް އިތުރު 4.7 މިލިއަން ފަސިންޖަރުން ފުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މީޑިއަމް އިވެންޓްސް އިން ބުނެފައިވެ އެވެ.
މިކަން ހަގީގަތަކަށް ވެއްޖެ ނަމަ، ގާތްގަނޑަކަށް އަށް ބިލިއަން އެމެރިކާ ޑޮލަރު ރާއްޖޭގެ ޖީޑީޕީއަށް އިތުރުވެ، 92،000 ވަޒީފާ އުފެދޭނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެ އެވެ.









