ހުޅުމާލޭ ފޭސް 2 އާއި ފޭސް 1 އާ ދެމެދު އޮންނަ “ކޯރުން ފެށިގެން” އުތުރުގައި އަޅާފައިވާ ހުރިހާ ސަފާރީއެއް އެއް މަސް ދުވަހުގެ ތެރޭގައި އެ ސަރަހައްދުން ނެގުމަށް އަންގާފައިވާތީ، ސަފާރީ ބޯޓުތަކުގެ އޯނަރުން ގޮތް ހުސްވެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފިއެވެ.
މިމައްސަލަ ދިމާވީ ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ގެނައި ބަދަލާއެކު ސަފާރީ ބޯޓުތައް މިހާރު އަޅާފައި އޮންނަ ތަން ހިއްކާނެތީވެ، ސަފާރީތަކަށް ބަނަދަރެއް ހޯދަން ޖެހުމުންނެވެ.
ހުޅުމާލޭ ފަޅުގައި މިއަދު (27 މޭ 2025) ބަނަދަރުކޮށްފައިވާ ބޯޓުތައް ދައްކުވައިދޭ ގޫގްލް ލައިވް ފޮޓޯއެއް - ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ބަދަލު ގެންނާތީވެ ސަފާރީ އުޅަނދުތަކަށް ރައްކާތެރި ބަނދަރެއް ބޭނުންވޭ.
އެޗްޑީސީ އަކަށް އެ ނޫން ގޮތެއް ނެތް، ޗޮއިސް އަކަށް ދެއްކީ ކުޑަގިރި
ސަފާރީ އޯނަރުންނާއި އެޗްޑީސީގެ ބައެއް ވެރިންނާއި ދެމެދު އިއްޔެ “ކޮންމެވެސް ޒާތަކަށް” ބަހުގެ ހަމަލާތަކެއް ބަދަލުކުރި ކަމަށް ސަފާރީ އޯނަރުން ބުނެއެވެ. އަދި ޓޫރިޒަމް ދާއިރާގެ 500 އަށްވުރެ ގިނަ މީހުން ހިމެނޭ ވަޓްސްއެޕް ގުރޫޕުގައި މިވާހަކަތައް ދަނީ ދައްކަމުންނެވެ. އެ ގްރޫޕްގައި ސަރުކާރުގެ ވަޒީރުންނާއި ކަމާބެހޭ ފަރާތްތައް ވެސް އެބަތިއްބެވެ. މިކަމުގައި އެބޭފުޅުން މިހާތަނަށް އެއްވެސް އެއްޗެއް އަދި ވިދާޅެއް ނުވެއެވެ.
އެހެންނަމަވެސް ނުރަސްމީކޮށް އިއްޔެ އެޗްޑިސީން ބުނީ ހުޅުމާލެ ފަޅުގައި މިހާރު އަޅާފައިވާ ސަފާރި ބޯޓުތައް ކުޑަގިރިއަށް ބަދަލުކުރެވިދާނެ ކަމަށެވެ. އެޗްޑީސީން ވެސް ދިނީ ޚިޔާލެކެވެ. ގޮތެއް ނިންމީއެއް ނޫނެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑުގައި ޒުވާނުން - ކުޑަގިރިއަކީ ގިނަބަޔަކު ދަތުރު ގޮސް އުޅޭ ތަނެއް ކަމަށް ވާތީވެ، ސަފާރީ ބޯޓުތައް ކުޑަގިރީގައި ބަނދަރު ކުރުމަކީ އިޖްތިމާޢީ މައްސަލަތަކެއް ނުކުމެދާނެ ފުރުޞަތު އޮތް ކަމެއް.
ދިޔަނެރު ރަނގަޅުވާނެ، ކުޑަގިރި އަކީ ހައްލެއް ނޫން!
ސަފާރީ އޮޕަރޭޓަރުން ބުނާ ގޮތުގައި މިއީ ދިވެހިންގެ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކެކެވެ. ގިނަ ރިސޯޓްތަކަކީ ބޭރުގެ އިންވެސްޓުތަކެވެ. އެމީހުންނަށް ރައްކާތެރިކަން ލިބިފައި ދިވެހިންގެ މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓުތަކަށް ރައްކާތެރިކަމެއް ނެތުމަކީ އެފަރާތުގެ ކަންބޮޑުވުމެކެވެ. އެހެންކަމުން، މި މައްސަލައަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
ސަފާރީ އިންޑަސްޓްރީ އަނދަވަޅަކަށް ވައްޓާނުލަން ބުނެ ސަފާރީ އޮޕަރޭޓަރުން ހުޅުމާލޭގައި ދަމާފައިވާ ބެނާ.އެއް. ސަފާރީ އޯނަރުން ބޭނުމީ މަޝްވަރާ ކޮށްގެން ދާއިމީ ހައްލެއް. ބޭނުމީ މިނިސްޓްރީއާއި ގުޅިގެން މަސައްކަތްކުރަން.
ކުރުނބާ ރިސޯޓް ބޭރަކީ ސަފާރީތައް ބަނދަރުކުރަން ރައްކާތެރި ތަނެއް ނޫނެވެ. އެންކަރިންގެ ބިރު އެތަނުގައި އޮވެއެވެ. އެތަނަކީއެހާ ގަދަ ތަނަކަށް ވުމުންނެވެ. ހުޅަނގު މޫސުމުގައި އެތަނުގައި ސަފާރީއަކަށް ރައްކާތެރިކަމާއެކު އެންކަރު ކޮށްފައި އޮތުމަކީ މުސްތަޙީލު ކަމެކެވެ.
އަނެއްކޮޅުން ކުޑަގިރިއަކީ އެތައް ބަޔަކު ކޮންމެ ދުވަހަކު ދަތުރު ގޮސް އުޅޭ ތަނަކަށް ވުމުން ސަފާރީތައް އެތަނުގައި ތިބޭނަމަ އިޖްތިމާޢީ އިތުރު މައްސަލަތަކެއް ނުކުތުމުގެ ފުރުޞަތު އޮންނާނެއެވެ.
ނަމަވެސް ދިޔަނެރުގައި ސަފާރީތައް ބަނދަރުކުރަން ސަރުކާރުން ހަމަޖައްސައިދީފިނަމަ އެއީ ދާއިމީ ހައްލަކަށް ވާނެކަން ސަފާރީ އޮޕަރޭޓަރުން ޤަބޫލުކުރެއެވެ. ދިޔަނެރުގައި އަސާސީ ވަސީލަތްތަައް ފުރިހަމަކޮށް ސަފާރީތަކަށް އެތަން ދޭނަމަ އޮޕަރޭޓަރުން ތިބީ ދައުލަތަށް އިތުރު ޢާމްދަނީވެސް އެތަނުން ދައުލަތަށް ހޯދައިދޭން ތައްޔާރަށެވެ. މިއީ އިޤްތިޞާދަށް ވަންނާނެ އިތުރު ފައިސާއެވެ. އެހެންކަމުން ސަފާރީ އޮޕަރޭޓަރުން ބޭނުންވެގެން އުޅެނީ މިމައްސަލައިގައި މަޝްވަރާ ކުރުމަށެވެ.
ޖަގަޑާ ހަދާކަށް ނޫޅެން، ބޭނުމީ މަޝްވަރާކޮށްގެން ހައްލެއް ހޯދަން!
ސަފާރީ އޮޕަރޭޓަރުންނަށް ދިމާވެފައިވާ މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގެތެރެއިން.
ސަފާރީ އޮޕަރޭޓަރުން މިހާރު ދަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ޕެޓިޝަނެއް ހުށަހަޅައިގެން، މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދެމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ސަފާރީ އަދި ޔޮޓް ޓޫރިޒަމް އިންޑަސްޓްރީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަފާތުކޮށް، ވަޒީފާގެ ފުރުސަތުތައް އުފައްދައި، ގައުމީ އާމްދަނީއަށް މުހިންމު ހިއްސާއެއް ކުރާ ދާއިރާއެކެވެ.
ސަރުކާރުން މި މައްސަލައަށް އަވަސް ހައްލެއް ނުހޯދައިފިނަމަ، މި ދާއިރާއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައްހާސް މީހުންގެ ދިރިއުޅުމަށް އަސަރުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ނަމަށް އުނިކަން އަތުވެދާނެ ކަމަށް ސަފާރީ އޮޕަރޭޓަރުން ވިދާޅުވެއެވެ. އެހެންކަމުން، ސަރުކާރުން މި މައްސަލައަށް ސަމާލުކަން ދީ، އަވަސް ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއް ކަމަށް އެބޭފުޅުން ފާހަގަ ކުރެއެވެ. އެގޮތުން އާދީއްތަ ދުވަހު ފަތުރުވެރިކަމާބެހޭ މިނިސްޓަރުގެ އެޕޮއިންޓަމެންޓަކަށް ސަފާރީ އޯނަރުންގެ ފަރާތުން ވަނީ އެދިފައެވެ.