އަހަރުތަކަކަށް ފަހު ދިވެހި ހައްޖުވެރިން މިއަދު ފުރީ ގައުމީ އެއާލައިނުގައި

އަހްމަދު އީޒާން | 20 ދުވަސް ކުރިން - 27 މޭ 2025 11:28
މިއަދު ހައްޖަށް ފުރި މީހުން މޯލްޑިވިއަންގެ ބޯޓަށް އަރަނީ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިއަދު ހައްޖަށް ފުރި މީހުން މޯލްޑިވިއަންގެ ބޯޓަށް އަރަނީ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ޝަހީމް ވިދާޅުވީ މި އަހަރު ހައްޖަށްދާ ދިވެހިންގެ 50 ޕަސެންޓް އުފުލަނީ ގައުމީ އެއާލައިނުގައި ކަމަށް. ހައްޖުވެރިން ސައުދީއަށް ދަތުރުކުރަނީ، ރައީސްގެ ހާއްސަ ވިސްނުންފުޅުގެ ދަށުން.

ގިނަ އަހަރުތަކަކަށް ފަހު ދިވެހި ހައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު ސައުދީ އަރަބިއްޔާއަށް ފުރީ ގައުމީ އެއާލައިނުގަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަމާންތަކަކަށް ފަހު ރާއްޖޭގެ ގައުމީ އެއާލައިނުގައި ދިވެހިން ހައްޖަށް މިއަދު ފުރާފައިވާ ކަމަށެވެ.

މި އަހަރު ހައްޖަށް ދާ ދިވެހިންގެ 50 ޕަސެންޓް އުފުލަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގައި ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވަނީ އެކަމަށްޓަކާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ހައްޖުވެރިން ސައުދީއަށް ދަތުރުކުރަނީ، ރައީސްގެ ހާއްސަ ވިސްނުންފުޅުގެ ދަށުން ގައުމީ އެއާލައިނަށް މި އަހަރު ގެނައި އެ އެއާލައިނުގެ ފުރަތަމަ ވައިޑްބޮޑީ އެއާކްރާފްޓް، އޭ330 ގަ އެވެ.

މި ވަގުތު ހަމައެކަނި ޗައިނާއަށް ޝެޑިއުލް ދަތުރުތައްކުރާ އެ ބޯޓުގައި ދެދުވަހެއްގެ މަތިން ހައްޖުވެރިން ސައުދީއަށް ގެންދިއުމަށް މިފަހަރު ހަމަޖެހިފައިވެ އެވެ. އެއީ މިއަދު ހެނދުނު ފުރި 256 ހައްޖުވެރިންނާއި އަންނަ ބުރާސްފަތި ދުވަހު ފުރާ 250 ހައްޖުވެރިންނެވެ.

މި އަހަރު ރާއްޖެއިން 1،000 މީހަކު ހައްޖަށް ދެ އެވެ. ސައުދީ އެއާލައިނުގައި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ފުރީ އިއްޔެ އެވެ.

ސަރުކާރުން މިފަހަރު ހައްޖުވެރިންނަށް ވަނީ ލުއިފަސޭހަ އެތައް އިންތިޒާމެއް ހަމަޖައްސައިދީފަ އެވެ. މައްކާ ރޫޓް އިނީޝިއޭޓީވް ތައާރަފުކޮށް ދަތުރުފަތުރުގެ ބޮޑެތި ލުއިތަކެއް ހަމަޖައްސައި ދީފައިވެ އެވެ. އަދި ހައްޖުވެރިންގެ ބީއެމްއެލް ކާޑުގެ ޑޮލަރު ލިމިޓް ވެސް 2،000 ޑޮލަރާ ހަމައަށް ބޮޑުކޮށްދީފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%