މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން މައްކާއަށް ދަތުރުކުރާ ޙައްޖުވެރިންގެ ދެވަނަ ގުރޫޕް ފުރައިފިއެވެ.
ޙައްޖުވެރިންގެ ދެވަނަ ގުރޫޕް ފުރާފައިވަނީ މިއަދު ހެނދުނު 8:11 ހާއިރު ދިވެހިންގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގައެވެ. މިފްލައިޓުގައި 256 މީހުން ފުރާފައިވެއެވެ.
މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާނެކަމަށް ލަފާކުރަނީ ރާއްޖެ ގަޑިން މެންދުރުފަހު 13:43 ހާއިރުއެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ.
މިއަދު ޙައްޖުވެރިންގެ ދެވަނަ ގުރޫޕް ފުރާފައިވާއިރު، ބުރާސްފަތި އަދި ހުކުރު ދުވަހުވެސް ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވެއެވެ.
ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.









