މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދިޔަ ދިވެހި ޙައްޖުވެރިންނަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ހައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން މަރުހަބާ ކިޔުމަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ބޭފުޅުންނާއި ދިވެހި ޙައްޖު މިޝަން އާއި، ސަޢުދީގައި ހުންނަ ދިވެހި އެމްބަސީ އަދި ޙައްޖު ކޯޕަރޭޝަންގެ ބޭފުޅުން އެއާޕޯޓުގައި ހަރަކާތްތެރިވެފައިވެއެވެ.
މިއީ ދިވެހި ޙައްޖުވެރިންނަށް މިފަދަ ގޮތަކަށް ޖިއްދާ އެއާޕޯޓުން މަރުޙަބާކީ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މިއަދު ރާއްޖޭގައި ރަސްމީކޮށް އިފްތިތާޙްކުރި މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ ކަމެއް ފުރިހަމަކުރެވިފައިވާއިރު، ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި މަޑުނުކޮށް ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހި ޙައްޖުވެރިންނަށް ލިބިގެންދާ ބޮޑު ފަސޭހައެއްކަން ފާހަގަކޮށްލެވެއެވެ.
މި އަހަރަކީ ދިވެހި ހައްޖުވެރިންގެ އިންތިޒާމްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ބޮޑެތި ބަދަލުތަކެއް ގެނެވި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ އަހަރެކެވެ.









