ށ. ފޭދޫގައި ކުރިއަށްދިޔަ ފުޓްސަލް މެޗެއްގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ކުޅުންތެރިއަކު 3 އަހަރަށް ސަސްޕެންޑްކޮށް، އޭނާގެ ޓީމް 5000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

" ފޭދޫ ކައުންސިލް ކަޕް 2025" ގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި "ޑާކްވުޑް ސްޕޯޓްސް ކްލަބް" ގެ ކުޅުންތެރިއަކު ވަނީ "ނުފޫޒް" ޓީމުގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން ދަނިކޮށް ވައްޓާލައި ފައިން އެ ކުޅުންތެރިޔާގެ ބޮލުގައި ޖަހާފައެވެ. މި ހާދިސާ އާއި ގުޅިގެން ފޭދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފަދަ މުބާރާތްތަކަކީ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ބޭއްވޭ މުބާރާތްތަކެއް ކަމަށާއި، އެއްވެސް ފަރާތަކުން ކުޅިވަރުގެ ރޫހު ގެއްލޭ އަދި އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސްކުރާ ކަމަށެވެ.

މި ހަމަނުޖެހުން ހިންގި ކުޅުންތެރިޔާ ތިން އަހަރު ދުވަހަށް ކައުންސިލުން އިންތިޒާމްކޮށް، ހުއްދަދީގެން ކުރިއަށް ގެންދާ އެއްވެސް މުބާރާތެއްގައި ބައިވެރި ނުވެވޭނެ ގޮތަށް ސަސްޕެންޑް ކޮށްފައިވެ އެވެ. އަދި އޭނާ ނިސްބަތްވާ ޓީމް ކަމަށްވާ ޑާކްވުޑް ސްޕޯޓްސް ކުލަބް 5000 ރުފިޔާއިން ޖޫރިމަނާކޮށް، އެއް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ފައިސާ ކައުންސިލް އިދާރާއަށް ދެއްކުމަށް އަންގާފައިވެއެވެ.