ގއ. ގެމަނަފުށީގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.
މިރޭ ހިނގި މި ހާދިސާގައި ޒަހަމްވި ބިދޭސީ މީހާއަށް ލިބުނު އަނިޔާތަކުގެ ސީރިއަސްކަމުން، އިތުރު ފަރުވާއަށް އެ އަތޮޅު ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހަމަލާގައި އެ ބިދޭސީ މީހާގެ ކަރުގެ ފަސް ތަނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ނުރައްކާތެރި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ފަރާތުން ރަސްމީކޮށް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މި ހަމަލާ ދޭން މެދުވެރިވި ސަބަބެއް ނުވަތަ މިކަމާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއްވެސް އަދި ސާފެއް ނުވެއެވެ.








