ރާއްޖެއިން ކޮމަންވެލްތުގެ ދެމެހެއްޓެނިވި ހަކަތައިގެ ފޯރަމްގައި ބައިވެރިވެއްޖެ އެވެ.
ކޮމަންވެލްތުގެ ހަތަރުވަނަ ދެމެހެއްޓެނިވި ހަކަތައިގެ ފޯރަމް (ސީއެސްއީޓީ) ގައި ރާއްޖެ ތަމްސީލުކުރައްވަނީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން އަގީލް ނަސީރެވެ.
މިނިސްޓްރީން ބުނީ އެ ފޯރަމްގެ މަގުސަދަކީ ދެމެހެއްޓެނިވި ތަރައްގީގެ ހަތްވަނަ ލަނޑުދަނޑި ކުރިއެރުވުމަށާއި ކޮމަންވެލްތުގެ ގައުމުތަކުގައި އެކުލެވޭ އަދި ކާބަން މަދު ހަކަތައިގެ ވަސީލަތްތަކަށް ބަދަލުވުމަށް އެހީތެރިވުމަށް ދޭ އެއްބާރުލުން ހަރުދަނާކުރުން ކަމަށެވެ.
އެ ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަކީ ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކުރެވޭ ފުރުސަތެއް ކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިކަމުގެ ސަބަބުން ރާއްޖެއަށް އިތުރު ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިވާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޑެޕިއުޓީ މިނިސްޓަރު އަގީލް އެ ފޯރަމްގައި ބައިވެރިވެވަޑައިގަތުމުން، ރާއްޖޭގެ ސަރުކާރުން ދެމެހެއްޓެނިވި ހަކަތައިގެ ވަސީލަތްތަކަށް ދެއްވާ އަހައްމިއްޔަތުކަން ހާމަވާ ކަމަށާއި ކޮމަންވެލްތުގެ އެހެން ގައުމުތަކާއެކު ގުޅުން ބަދަހިކޮށް، މި ދާއިރާގައި ކުރިއަށް ދިއުމަށް ބޭނުންވާ ތަޖުރިބާ އާއި މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި ސަރުކާރުން ތިމާވެށި ރައްކާތެރި ކުރުމަށާއި ދެމެހެއްޓެނިވި ހަކަތައިގެ ވަސީލަތްތަކަށް ހާއްސަ ސަމާލުކަމެއް ދެމުން އަންނައިރު، މިފަދަ ބައިނަލްއަގުވާމީ ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކުރުމަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެކެވެ.