މިއަދަކީ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ކައިވެނި ކޮށްދެވޭ ދުވަސް ކަމަށް ފެމިލީ ކޯޓުން މިއަދު ހާމަކޮށްފިއެވެ. 25-05-25 އަކީ މިއަހަރުގެ ތެރޭގައި އަންނާނެ އެންމެ ރީތި އެއް ތާރީޚު ކަމަށްވާތީ، ގިނަ ބަޔަކު މިދުވަހު ކައިވެނިކުރުމަށް އިޚްތިޔާރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ފެމިލީ ކޯޓުން ބުނިގޮތުގައި، މިއަދު މާލޭގައި އެކަނިވެސް ޖުމްލަ 59 ކައިވެނި ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ރަސްމީ ގަޑީގައި 23 ކައިވެނި ކޮށްދެވޭއިރު، ނުރަސްމީ ގަޑީގައި 36 ކައިވެނި ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދަކީ މިއަހަރުގެ މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ކައިވެނި ކޮށްދެވޭ ދުވަސް ކަމަށް ވުމާއި އިރު، ކޯޓަށް ވަޑައިގަންނަވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކޯޓުގެ ބޭރުގައި ހިޔާވާނެ ގޮތަށް ޓެންޓާއި، ގޮނޑިތައް ވެސް ވާނީ ބަހައްޓާފައިކަމަަށް ފެމަލީ ކޯޓުން ހާމަކުރިއެވެ.
މިއަދު ކައިވެނީގެ އިތުރުން 22 ވަރީގެ މައްސަލައެއްވެސް ތާވަލު ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ފާހަގަކުރިއެވެ.
ކޮންމެ އަހަރެއްގެވެސް ރީތި ތާރީޚުތަކުގައި ކައިވެނި ކުރާ އަދަދު އިތުރުވާކަން ފާހަގަކުރެވެއެވެ. މިގޮތުން، މިދިޔަ އަހަރުގެ ރީތި ތާރީޚު ކަމަށްވާ 24-12-24 ގައި 52 ކައިވެނި ކޮށްދީފައިވާކަން ފެމިލީ ކޯޓުން ހާމަކުރިއެވެ.