މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބަންގުލަދޭޝްގެ ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ގަލޮޅު ގެއެއް ބަލައި ފާސްކުރި އިރު, މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 350.92 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް ތިން މީހުން ކަމަށްވާ އެމްޑީ މެހެދި ހަސަން, 29 އާއި އަބު ތަލެބް, 47 އަދި އެމްޑީ ސަލާމް މިއާ, 41 އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އެ ތިން މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މިހާރަކަށް އައިސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ މާލޭގެ ގުރޫޕްތަކުން އެތަކެތި ރައްކާ ކުރުމަށާއި ޕެޑެލް ކުރުމަށް ދެނީ ބިދޭސީންނާއި 18 އަހަރު ނުވާ ކުޑަކުދިންގެ އަތަށެވެ. އަދި ޑީލަރުން ދަނީ ހަލާލް ވިޔަފާރު ކުރަމުންދާ ކަމަށް ދެއްކުމަށް އެކި ނަންނަމުގައި ކުންފުނިތައް ހުޅުވައި ވިޔަފާރި ކުރަމުންނެވެ.