ތަފާތު އެކި ދުވަސްމަތިން "ފުޑީސް ޑެލިވަރީ" އަށް ކާބޯތަކެއްޗަށް އޯޑަރުކޮށް، ހިދުމަތް ހޯދުމަށްފަހު ފައިސާ ދެއްކި ކަމަށް ބުނެ އަސްލު އޮޅުވާލައިގެން ސައްހަ ނޫން ސްލިޕްތަކެއް ހަދައި "ފުޑީސް ޑެލިވަރީ" އަށް ފޮނުވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ސިނަމާލެ 1 05-13 / މާލެ، ޒައިދާން މުޙައްމަދު ހާޝިމް ކަމަށެވެ.
ޒައިދާން އަކީ މަކަރާއި ހީލަތުގެ ކުށުގެ އަމަލު ހިންގާފައިވާ ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަން ތަހުގީގަށް އެނގިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ޒައިދާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.