ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ގައި ގައިދީންނާއި ޕްރިޒަން އޮފިސަރުންގެ ހުނަރުތައް ދައްކާލައިފިއެވެ. މި މައުރަޒު ރޭ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދެވެ.
މިފަހަރުގެ މައުރަޒުގައި ވެސް ގައިދީންގެ މޮޅެތި އުފެއްދުންތައް ދައްކައިލިއެވެ. މީގެ ކުރިން ވެސް މާފުށީ ޖަލުގެ ގައިދީން ވަނީ އެ،ީހުންގެ އުފެއްދުންތައް މައުރަޒުތަކުގައި ދައްކާލާފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ގައިދީންގެ ހުނަރާއި މަސައްކަތްތައް މައުރަޒުގައި ދައްކާލައިފައިވަނީ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރެސްކޯ) މެދުވެރިކޮށެވެ. މި މައުރަޒުގައި 21 ގައިދީންގެ 16 އައިޓަމް އަދި ހަތަރު އޮފިސަރުންގެ ހަތަރު އައިޓަމް ހިމެނެއެވެ.
ޖަލުގައި ތިބޭ ގައިދީން ވަނީ މާފުށީގެ ގެސްޓްހައުސް ތަކާއި ސަފާރީ ތަކަށް ބޭނުންވާ ފަރުނީޗަރު ޖެހުމާއި އެނޫންވެސް ލަކުޑީގެ މަސައްކަތްތައް މީގެ ކުރިން ކޮށްދީފައެވެ. ވަޑާމުގެ މަސައްކަތް ކުރުމަށް މާފުށީގައި ވަޑާންކުރާނެ ހާއްސަ ތަނެއް ވެސް ހުންނަ ކަމަށް ކަރެކްޝަނުން ބުންޏެވެ.
މި މައުރަޒަކީ އިޤްތިޞާދީ މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެން ބާއްވާ މައުރަޒެކެވެ. މި މައުރަޒުގެ މަޤްޞަދަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ފުޅާކުރުމެވެ. މައުރަޒު ކުރިއަށްދާނީ މެއި މަހުގެ 23 އިން 31 އަށެވެ.
އެމްސީއެސްއިން މަޢުލޫމާތު ދިންގޮތުގައި، މި މައުރަޒުގައި ގައިދީންގެ އައިޓަމްތައް ބައިވެރިކުރުމުގެ މަޤްޞަދަކީ ގައިދީންނަށް އެމީހުންގެ ހުނަރުތައް މުޖުތަމަޢުއަށް ދައްކާލުމަށް ފުރުޞަތު ހޯދައިދިނުމާއި، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން އެފަރާތްތަކަށް ދަސްކޮށްދޭ މަސައްކަތްތަކުން އުފައްދާ ތަކެތި ވިއްކައިގެން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުމެވެ.
މައުރަޒުގައި ބައިވެރިވި ގައިދީންގެ ތެރެއިން ތިން ގައިދީއަކަށް މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ދީފައިވާ ކަމަށާއި، މައުރަޒު ކުރިއަށްދާއިރު އިތުރު ގައިދީންނަށްވެސް މި ފުރުޞަތު ދެވޭނެ ކަމަށް އެމްސީއެސްއިން ހާމަކުރެއްވިއެވެ.