ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ބާއްވާ ބޮޑުބެރު މުބާރާތް މިރޭ ފަށަން ތައްޔާރުވެއްޖެއެވެ. މި މުބާރާތް އިންތިޒާމުކޮށްފައިވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިންނެވެ.
ބީސީސީން ބުނިގޮތުގައި މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން ދާއިރާއަށް އައު ތަރިން ނެރުމެވެ. މީގެ އިތުރުން، ދިވެހިންގެ މެދުގައި މިކަމަށް އޮތް ޖޯޝާއި ފޯރި އާލާކޮށް، ޒުވާނުންގެ ހިތްތަކުގައި މިި ކަމަށް ލޯބި ޖެއްސުމަކީވެސް މި މުބާރާތުގެ މަޤްޞަދެކެވެ.
މުބާރާތް މިރޭ ފަށާއިރު، ބައިވެރިވާ 6 ގްރޫޕުގެ ހުށަހެޅުންތައް ކުރިއަށް އޮތް 3 ދުވަހު ކޮންމެ ރެއަކުވެސް ހުށަހަޅާނެއެވެ. މުބާރާތް ކުރިއަށްދާނީ ކޮންމެ ރެއަކުވެސް ވަކި ވައްތަރެއްގެ ލަވަތައް ހުށަހަޅާ ގޮތަށެވެ. އެގޮތުން:
- މިރޭ: ކާށިމަޖާ ލަވަތައް
- މާދަމާ ރޭ: ބަބުރު ލަވަތައް
- 3 ވަނަ ރޭ: ގްރޫޕްތަކުން އަމިއްލައަށް އިޚްތިޔާރުކުރާ ބާވަތެއްގެ ލަވަތައް
މުބާރާތުގައި ގްރޫޕްތަކުން ހުށަހަޅާ ލަވަތަކަށް، ވޯޓުލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނެކަމަަށްވެސް ބީސީސީން ބުންޏެވެ.
ބީސީސީގެ އެސިސްޓެންޓް މެނޭޖަރ މުހައްމަދު ޝަމްޢޫން ވިދާޅުވީ، މި މުބާރާތަކީ ދިވެހިންގެ ސަޤާފަތް ދައްކާލުމުގެ ފުރުސަތެއް ކަމަށެވެ. "ކޮންމެ ގްރޫޕަކުންވެސް އިޝީނދެގެން، އިހުގެ ގޮތަށް ލަވައެއް ހުށަހަޅަން ޖެހޭނެ ގޮތަށް އިންތިޒާމު ކޮށްފައިވާނެ. މީގެ ސަބަބުން، ބޮޑުބެރު ސަޤާފަތް ދިރުވުމަށް މަގުފަހިވެގެންދާނެ،" ޝަމްޢޫން ވިދާޅުވިއެވެ.
މުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އެދުވަހުގެ ހަވީރާއި ރޭގަނޑު މުބާރާތުގެ ފައިނަލްގެ ކަންކަން ކުރިއަށްދާނެއެވެ.