އަންނަ އަހަރުގެ އޭޕްރީލް މަހު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ތައްޔާރީތައް ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

މުޙައްމަދު ޒާހިދު ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާ އިންތިޚާބު ކަމަށްވާތީ، އެ އިންތިޚާބަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްތައް ފަށާފައިވެއެވެ.

އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން, އިންތިޚާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މީގެ އިތުރުން ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި ވޯޓުލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އިންތިޚާބަށް ތައްޔާރުވުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށް މުޙައްމަދު ޒާހިދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީތަކާއި ގުޅިގެން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.