ހާވަޑް ޔުނިވަރސިޓީއަށް ބޭރުގެ ދަރިވަރުން ވެއްދުމުގެ ހުއްދަ ނިގުޅައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކުރި މަސައްކަތް އެމެރިކާގެ ފެޑެރަލް ފަނޑިޔާރަކު ވަގުތީގޮތުން ހުއްޓުވައިފިއެވެ. ކޯޓުން މިކަން ހުއްޓުވީ އެ ޔުނިވަރސިޓީން އެ މައްސަލައިގައި ވަގުތީ އަމުރަކަށް އެދުމާއި ގުޅިގެންނެވެ.
ހާވަޑްގެ ސްޓޫޑެންޓް އެންޑް އެކްސްޗޭންޖް ވިޒިޓަރ ޕްރޮގްރާމްގެ ހުއްދަ ބުރާސްފަތި ދުވަހު ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން ބާތިލުކުރީ އެ ޔުނިވަރސިޓީން އެންޓިސެމިޓިޒަމް ހުއްޓުވުމަށާއި ދަރިވަރުން ވެއްދުމުގެ އުސޫލުތައް އިސްލާހު ކުރުމަށް މަސައްކަތް ނުކުރާކަމަށް ބުނެއެވެ. ނަމަވެސް ހާވަޑުން ވަނޯ މިކަމާއި ދެކޮޅު ހަދާފައެވެ.
ހާވަޑް ޔުނިވާސިޓީއަށް ބޭރުގެ ދަރިވަރުން ވެއްދުން މަނާކުރަން އުޅުނުއިރު މިހާރު ވެސް އެކި ޤައުމުތަކުގެ 6800 އަށް ވުރެ ގިނަ ދަރިވަރުން އެތަނުން ކިޔަވައެވެ. ބޭރުގެ ދަރިވަރުންނަށް އެ ޔުނިވާސިޓީ މަނާ ކުރާނަ،ަ އެ ދަރިވަރުންގެ ވިސާގެ މައްސަލަ ކުރިމަތިވާނެއެވެ. އެހެންކަމުން އެ ޔުނިވާސިޓީން ހުށަހެޅި ޤާނޫނީ ނުކުތާތަކަށް ރިޢާޔަތްކުރައްވައި އިއްޔެ ޔޫއެސް ޑިސްޓްރިކްޓް ފަނޑިޔާރު އެލިސަން ބަރޯސް ވަނީ ވަގުތީ އަމުރެއް ނެރެ، ޓްރަމްޕުގެ ނިންމުން ތަންފީޛު ކުރުން ހުއްޓުވާފައެވެ. މި އަމުރުގެ ސަބަބުން އިސްވެ ދެންނެވުނު 6،800 އަށްވުރެ ގިނަ ދަރިވަރުން ނުވަތަ އެ ޔުނިވާސިޓީގެ ޖުމްލަ ދަރިވަރުންގެ 27 އިންސައްތައިގެ މަޞްލަޙަތު ޙިމާޔަތް ވީއެވެ