ހާވަރޑް ޔުނިވަރސިޓީއަށް ބޭރު ދަރިވަރުން ވެއްދުން ޓްރަމްޕް ސަރުކާރުން މަނާކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 17 ގަޑިއިރު ކުރިން - 23 މޭ 2025 19:35
ހާވަރޑް ޔުނިވަރސިޓީ/ ފޮޓޯ: އަލް ޖަޒީރާ
ހާވަރޑް ޔުނިވަރސިޓީ/ ފޮޓޯ: އަލް ޖަޒީރާ
ޚުލާސާ

މި ފިޔަވަޅު އަޅާފައިވަނީ، ހާވަރޑްގައި ކިޔަވަމުންދާ ބައެއް ބޭރުގެ ދަރިވަރުންނާ ގުޅޭ ޒާތީ މަޢުލޫމާތުތަކެއް ދޭން އެ ޔުނިވަރސިޓީން އިންކާރުކުރުމާއި ގުޅިގެން.

އެމެރިކާގެ އެންމެ މަޝްހޫރު އަދި ޝަރަފުވެރި ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ ހާވަރޑް ޔުނިވަރސިޓީއަށް ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް ފުރުޞަތު ދެވެން އޮންނަ މަގު، ޓްރަމްޕްގެ ސަރުކާރުން މަނާކޮށްފިއެވެ.

އެމެރިކާގެ ދާޚިލީ ވަޒީރު ކްރިސްޓީ ނޯއެމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި އަހަރާއި އަންނަ އަހަރަށް، ހާވަރޑް ޔުނިވަރސިޓީއަށް ބޭރުގެ ދަރިވަރުން ވެއްދުމަށް ބޭނުންވާ ސްޓޫޑެންޓް އެންޑް ވިޒިޓަރ އެކްސްޗޭންޖް ޕްރޮގްރާމް ސެޓިފިކޭޝަން ބާތިލުކޮށްފައިވާ ކަމަށެވެ. މި ފިޔަވަޅު އަޅާފައިވަނީ، ހާވަރޑްގައި ކިޔަވަމުންދާ ބައެއް ބޭރުގެ ދަރިވަރުންނާ ގުޅޭ ޒާތީ މަޢުލޫމާތުތަކެއް ދޭން އެ ޔުނިވަރސިޓީން އިންކާރުކުރުމާ ގުޅިގެންނެވެ.

ނޯއެމްގެ ބަޔާނުގައި ވަނީ، ޗައިނާގައި ވެރިކަންކުރާ ކޮމިޔުނިސްޓް ޕާޓީއާއި ގުޅިގެން ޔަހޫދީންނާއި މެދު ނަފްރަތު އުފެއްދުމުގެ ޢަމަލުތައް ހާވަރޑުން ހިންގަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ.

ހާވަރޑުން ބުނެފައިވަނީ މި ފިޔަވަޅަކީ ޤާނޫނާއި ޚިލާފު ފިޔަވަޅެއް ކަމަށާއި، އެތަކެއް ހާސް ދަރިވަރުންގެ ހައްޤުތައް ގެއްލޭތީ މިކަމާ ދެކޮޅަށް ތެދުވާނެ ކަމަށެވެ.

ހާވަރޑް ޔުނިވަރސިޓީން މިދިޔަ އަހަރު 6،800 ބޭރުގެ ދަރިވަރުންނަށް ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ދީފައިވެއެވެ. މިއީ އެތަނުގައި ކިޔަވަމުންދާ ދަރިވަރުންގެ 27 އިންސައްތައެވެ. މީގެ ތެރެއިން އެންމެ ގިނައީ ޗައިނާގެ ދަރިވަރުންނެވެ.

ރައީސް ޓްރަމްޕްގެ ސަރުކާރުން މި ފިޔަވަޅު އަޅާފައި ވަނީ، އެމެރިކާގެ މައި ޔުނިވަރސިޓީތަކާއި ދެކޮޅަށް ގެންދަވާ ވަރުގަދަ ފިޔަވަޅުތަކުގެ ތެރެއިންނެވެ. މީގެ ކުރިން ވެސް ހާވަރޑަށް ދެމުން އައި ތިން ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ މާލީ އެހީ ދިނުން ވަނީ ހުއްޓާލާފައެވެ. މި މައްސަލަ ހާވަރޑުން މިހާރު ވަނީ ކޯޓަށް ހުށަހަޅާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%