ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗުގައި ހުއްދަ ނެތި ޑްރޯން އެރުވި މީހާކު ރޭ ހިފެއްޓި ކަމަށާއި އޭނާއަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން އެގޮތަށް ވިދާޅުވީ ހުއްދަ ނެތި ޑްރޯން އެރުވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާއަށް އަނިޔާކުރި ކަމަށް ތުހުމަތުކުރުމުންނެވެ.
ފުލުހުން ބުނީ ރޭ 20:40 ހާއިރު ހުޅުމާލެ 2 ގެ ނިކަގަސްމަގު ބީޗު ސަރަހައްދުގައި މީހަކު ޑްރޯން އަރުވާތީ ހުއްދަ އޮތްތޯ އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކު އެ މީހާ އާއި ސުވާލުކުރި ކަމަށެވެ.
ނަމަވެސް އެ މައުލޫމާތު ދިނުމަށާއި ހުއްދަ ދެއްކުމަށް އެ މީހާ އިންކާރުކޮށް، ހުއްދަ ދައްކަން ނުޖެހޭނެ ކަމަށް ބުނެ ހަޑިހުތުރުބަހުން ފުލުހުންނާއި މުއާމަލާތުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި އޭނާ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ގެންގޮސް ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޑްރޯން އެރުވުމުގެ ހުއްދަ ނެތި ޑްރޯން އެރުވުމުން އޭނާއަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާއަށް ފުލުހުން އަނިޔާކުރިކަމަށް ތުހުމަތު ކުރާތީ އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް ބެލިބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.