ބިލެއްފަހީގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފި

ހުސައިން އިސްމާއިލް | 148 ދުވަސް ކުރިން - 23 މޭ 2025 11:37
ބިލެއްފަހީގައި އޭޓިއެމްގެ ޚިދުމަތް ފެށުން / ފޮޓޯ: ވުޒާރާ
ބިލެއްފަހީގައި އޭޓިއެމްގެ ޚިދުމަތް ފެށުން / ފޮޓޯ: ވުޒާރާ
ޚުލާސާ

ގޭގައި ތިބެގެން ބޭންކް އެކައުންޓް ހުޅުވޭނެ ޚިދުމަތް ދިނުމަށް ދަނީ މަސައްކަތް ކުރަމުން.

މުޅި ރާއްޖެއަށް އޭޓީއެމް ޚިދުމަތް ދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ތެރެއިން ށ. ބިލެއްފަހީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމް ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

ބިލެއްފަހީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވިއެވެ. ވަޒީރު އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވައި، ބޭނުންކުރެއްވި ކާޑު ކައުންސިލްގެ ނައިބު ރައީސާއި ހަވާލުކުރައްވާފައެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ފަސޭހަކޮށްދެއްވުމަށް ރައީސް މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި އޭޓީއެމްގެ ޚިދުމަތް ރައްޔިތުންނާއި ގާތުން ދިނުމަށް ރައީސް ނިންމެވީ މިގޮތުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ހުރިހާ ރައްޔިތުންނަށްވެސް ގާތުން ޚިދުމަތްދީ، ބޭންކުންދޭ ޚިދުމަތްތައް ފަސޭހަކަމާއެކީ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ބޭންކު އެކައުންޓް ހެދުމުގެ ޚިދުމަތް ގޭގައި ތިބެގެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ބިލެއްފަހީގައި ޤާއިމުކޮށްފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމެކެވެ. ށ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ ގޮތުން މި ބުރުގައި 10 ރަށެއްގައި ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ރަށްރަށުގައި އޭޓީއެމް ބެހެއްޓުމެވެ. މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%