ޔުކްރެއިނާއި ރަޝިޔާ އާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ މާއްދާތައް ހިމެނޭ މެމޮރެންޑަމެއްގައި ސޮއިކުރެވިދާނެ ކަމަށް އެންމެ ފަހުން ޔުކްރެއިންގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑިމިރ ޕުޓިން އާ ދެމެދު ފޯނު މަޝްވަރާއެއް ކުރެއްވުމަށްފަހުގައެވެ. މީގެ ކުރިން އޭނާ މުޅިންވެސް ވިދާޅުވަމުން ދިޔައީ ރަޝިއާ ބަލިކުރަނެ ކަމަށެވެ. އެގޮތަށް އޭނާ ވިދާޅުވީ ހުޅަނގުގެ އަވައިގައި ޖެހިގެންނެވެ.
މި މަހުގެ 15 ވަނަ ދުވަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑިމިރ ޕުޓިން ވަނީ ދެ ގަޑިއިރަށްވުރެ ދިގު ފޯނު މަޝްވަރާއެއް ކުރައްވާފައެވެ. މި މަޝްވަރާގައި ދެ ރައީސުން ވާހަކަދައްކަވާފައިވަނީ ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްކުރުމާއި ބެހޭ ގޮތުންނެވެ. ޕުޓިން ވިދާޅުވެފައިވަނީ މޮސްކޯއިން ކީވްއާއެކު ސުލްހައިގެ އެއްބަސްވުމަކާ ބެހޭ މެމޮރެންޑަމެއް ހުށަހަޅައި، އެކަމަށް މަސައްކަތްކުރަން ތައްޔާރަށް ތިބިކަމަށެވެ.
ޕުޓިން މި މަޝްވަރާ ސިފަކުރައްވާފައިވަނީ "ތެދުވެރި އަދި މުހިންމު" މަޝްވަރާއެއްގެ ގޮތުގައެވެ. ޕުޓިން ބޭނުންފުޅުވަނީ ރަޝިއާގެ ސަލާމަތަށްޓަކައި ނޭޓޯއާއި ޔުކްރޭނު ގުޅުވިޔަ ނުދިނުމަށެވެ.
ޒެލެންސްކީ އަބަދުވެސް ގޮވަމުން ދިޔައީ އެމެރިކާގެ ހަތިޔާރާއި ފައިޓަރ ޖެޓާއި ފައިސާ ހޯދުމަށެވެ. އަދި ނޭޓޯއަށް ޔުކްރޭނު ވައްދައި ރަޝިޔާ އަށް ބިރު ދެއްކުމަށެވެ. ނަމަވެސް، އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕް އެކަމާއި ދެކޮޅު ހެދުމުން ޔޫރަޕްގެ ޤައުމުތަކަށް ރަޝިއާއާއި ހަނގުރާމަ ކުރުމަށް ބޭނުންވާ ފައިސާ އާއި ހަތިޔާރު ހޯދުމުގައި ދަތިތަކާއި ކުރިމަތިވެ، ރަޝިއާ ބަލިކޮށްލުމަކީ އެމީހުންނަށް ނުވާނެ ކަމެއްކަން ކަށަވަރުވިއެވެ. އެހެންކަމުން ޒެލެންސްކީ އަށް އެކަން ޤަބޫލުފުޅު ކުރެވުނީއެވެ.
އެންމެފަހުން ޒެލެންސްކީ ވިދާޅުވީ ދެ ފަރާތުގެ މެދުގައި މެމޮރެންޑަމެއްގައި ސޮއިކުރެވިދާނެ ކަމަށާއި، އަދި އެއަށްފަހު ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ރޯޑްމެޕަކަށް ވާސިލުވެވިދާނެ ކަމަށެވެ. މާނައަކީ، ފުރިހަމަ އެއްބަސްވުމަކަށް ވާސިލުވެވިދާނެ ކަމަށެވެ. “މި މެމޮރެންޑަމްގައި، ދެ ގައުމުގެ ތާއީދާއެކު، ހަނގުރާމަ ހުއްޓާލުމުގެ މާއްދާތައް ހިމެނިދާނެ،" ޒެލެންސްކީ ވިދާޅުވިއެވެ.
ޒެލެންސްކީ ވިދާޅުވީ މޮސްކޯއިން އެފަދަ މެމޮރެންޑަމެއް ހުށަހަޅައިފިނަމަ އެކަމާމެދު އެ ގައުމުގެ ވިސްނުން ބަޔާންކުރެވޭނެ ކަމަށެވެ.
ޒެލެންސްކީ މިހެން ވިދާޅުވިޔަސް ޔޫރަޕްހެ ޤައުމުތަކުން ބޭނުންވަނީ އެޤައުމުތަކުގެ ގުޅިފައިވާ ލަޝްކަރެއް ޔުކްރޭނުގައި ޤާއިމް ކުރުމަށެވެ. މިކަމުގައި ޒެލެންސްކީ ވަނީ މަޝްވަރާތައް ވެސް ކޮށްފައެވެ.









