ޔޫކްރެއިންގައި ހުންނަ، ކުރީގެ މަޝްހޫރު ޗެރްނޮބިލް ނިއުކްލިއާ ޕްލާންޓުގެ ސަލާމަތީ އޮނިގަނޑަށް ރަޝިޔާގެ ޙަމަލާތަކުގެ ސަބަބުން ލިބިފައިވާ ބޮޑެތި ގެއްލުންތަކާ ގުޅިގެން، މުޅި ޔޫރަޕްގެ ސަރަޙައްދަށް ރޭޑިއޭޝަން ފެތުރުމުގެ ނުރައްކާ ބޮޑުވެއްޖެ ކަމުގެ އިންޒާރު ޔޫރަޕިއަން ބޭންކް ފޯ ރީކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް (އީބީއާރްޑީ) އިން ދީފިއެވެ. 1986 ވަނަ އަހަރު ގޮވި ރިއެކްޓަރު ނަންބަރު 4 ނިވާކުރުމަށް އަޅާފައިވާ ބިޔަ ސްޓީލް އޮނިގަނޑު ނުވަތަ "ނިއު ސޭފް ކޮންފިނޭޝަން" އަށް ރަޝިޔާގެ ޑްރޯން ޙަމަލާއެއްގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިކަމުގެ ސަބަބުން ރޭޑިއޯއެކްޓިވް މާއްދާތައް ބޭރުވުން ހުއްޓުވުމަށް ޤާއިމުކޮށްފައިވާ ސަލާމަތީ ނިޒާމުތަކުގެ ބާރު ކެނޑި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ

މި ކާރިސާ އިން ސަލާމަތްވުމަށްޓަކައި އެ ސައިޓުގެ ކުއްލި މަރާމާތަށް މަދުވެގެން 500 މިލިއަން ޔޫރޯ އިތުރަށް ބޭނުންވާ ކަމަށް އީބީއާރްޑީ އިން ހާމަކުރެއެވެ. އެ ބޭންކުގެ ރައީސް އޮޑީލް ރެނޯ-ބާސޯ ވިދާޅުވި ގޮތުގައި، މިއީ ހަމައެކަނި ޔޫކްރެއިންގެ މައްސަލައެއް ނޫން ކަމަށާއި، މުޅި ދުނިޔޭގެ ނިއުކްލިއާ ރައްކާތެރިކަމާ ގުޅިފައިވާ ކަމެކެވެ. އެ ސައިޓަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްނުދެވި ލަސްވެއްޖެނަމަ، ދަގަނޑު އޮނިގަނޑުތައް ބާވެ، ހަލާކުވަމުންދާ މިންވަރު އިތުރުވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރޭޑިއޭޝަން ލީކެއް ހިނގައިފިނަމަ، ވައިގެ މަގުން މުޅި ޔޫރަޕްގެ ޤައުމުތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމަށް އިންޒާރުދެއެވެ.

މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި ޖީ7 ޤައުމުތަކުން މިހާތަނަށް 260 މިލިއަން ޔޫރޯގެ އެހީއެއް ވެދިނުމަށް ވަނީ އިޢުލާނުކޮށްފައެވެ. ނަމަވެސް ބޭނުންވާ ފުރިހަމަ ބަޖެޓު ހަމަކުރުމަށްޓަކައި ފްރާންސާއި ޔޫކްރެއިން އަދި އީބީއާރްޑީ ގުޅިގެން ޕެރިހުގައި ބައިނަލްއަޤްވާމީ ޑޯނާ ކޮންފަރެންސެއް ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ބައިނަލްއަޤްވާމީ އެޓޮމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) އިންވެސް ދަނީ މި ސަރަޙައްދުގެ ޙާލަތު ވަރަށް ގާތުން ބަލައި، 2030 ވަނަ އަހަރުގެ ކުރިން މަރާމާތުގެ މައިގަނޑު މަސައްކަތްތައް ނިންމުމަށް ބާރުއަޅަމުންނެވެ.