ރަޝިޔާގެ ދެކުނުގައި އޮންނަ ކްރަސްނޯދާރު ސަރަހައްދުގެ ބަނދަރު ރަށެއް ކަމަށްވާ ނޮވޮރޮސީސްކް އަށް ދިން ނުރައްކާތެރި ޑްރޯން ހަމަލާއެއްގައި، ކުޑަކުއްޖަކު ހިމެނޭހެން ހަތަރު މީހުން މަރުވެއްޖެއެވެ.
މި ހަމަލާގައި ޖުމްލަ 29 މީހުން ޒަޚަމްވެފައިވާ ކަމަށް ރަޝިޔާގެ ރަސްމީ އިދާރާތަކުން ހާމަކުރެއެވެ. ޒަޚަމްވި މީހުންނަށް ކައިރި ހޮސްޕިޓަލްތަކުން އަވަސް ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން 3 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، ހަމަލާގެ ސަބަބުން އެ ރަށުގެ ބައެއް އިމާރާތްތަކަށާއި އާންމު އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
މި ހަމަލާ އަކީ ނޭޓޯގެ އެހީގައި ޔުކްރޭނުން ދިން ހަމަލާއެއް ކަމަށް ރަޝިޔާއިން ތުހުމަތު ކުރެއެވެ.
ޔޫކްރެއިންނާއި ރަޝިޔާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން ދެވުނު މި ހަމަލާއާ ގުޅިގެން، ރަޝިޔާގެ ދިފާއީ ބާރުތަކުން ދަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރަމުންނެވެ.









