ސްކޭމްތަކުގައި މިދިޔަ ހަފްތާގައި އެކަނިވެސް 481,520.67 ރުފިޔާ ގެއްލުނު: ޕޮލިސް

އަައިޝަތު ޒީނާ | 30 ދުވަސް ކުރިން - 22 މޭ 2025 11:06
ހުޅުމާލެ ޕޮލިސް ސްޓޭޝަން. / ފޮޓޯ: ފުލުހުން
ހުޅުމާލެ ޕޮލިސް ސްޓޭޝަން. / ފޮޓޯ: ފުލުހުން
ޚުލާސާ

ޖުމްލަ 481,520.67 ރުފިޔާ ގެއްލިފަވާއިރު ފުލުހުން ވަނީ 383,610.08 ރުފިޔާ އަނބުރާ ހޯދާފަ.

ސްކޭމްކޮށްގެން ފާއިތުވި ހަފްތާގެ ތެރޭގައި ހަތަރު ލައްކަ އަށްޑިހަ އެއްހާހަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަން ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންޓި ސްކޭމް ސެންޓަރުން ވަނީ މި މަހުގެ 13ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށް ސްކޭމް މައްސަލަތަކުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ސެންޓަރަށް 45 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

ޖުމްލަ 481,520.67 ރުފިޔާ ގެއްލިފަވާއިރު 383,610.08 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.

ގެއްލުނު ފައިސާގެ ތެރެއިން 80 އިންސައްތަ ހޯދާފަވާއިރު އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަތަކެވެ. އެގޮތުން އެބާވަތުގެ 26 މައްސަލަ ހުށަހަޅާފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ސްކޭމަރުން ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސްއެވެ. އެގޮތުން ފޭސްބުކް މާކެޓްޕްލޭސް 20 މައްސަލަ އެންޓި ސްކޭމް ސެންޓަރަށް ފާއިތުވި އެއް ހަފްތާގެ ތެރޭގައި ހުށަހަޅާފައިވެއެވެ.

ސްކޭމްގެ ބާވަތްތައް:

  1. ބޭރު ފައިސާ މާރުކުރުމުގެ ސްކޭމް - 10 މައްސަލަ
  2. ފޯނު މެދުވެރިކޮށް ހިންގާ ސްކޭމް - 5 މައްސަލަ
  3. އިމްޕާރސަނޭޝަން، ފިޝިންގ، ރޮމޭންސް ސްކޭމް އަދި ފައިސާ ޖަމާކުރުމުގެ މައްސަލަ - ކޮންމެ ބާވަތަކުން 1 މައްސަލަ

މީގެ އިތުރުން ވައިބަރ، ފޯނު ކޯލް، އައިބޭ، މެސެންޖަރ، ޓެލެގްރާމް އަދި އިންސްޓަގްރާމް މެދުވެރިކޮށްވެސް ސްކޭމް ހިންގާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އިތުރަށް ސަމާލުކަން ދިނުމަށާއި ޝައްކު އުފެދޭނަމަ ޔަޤީންކުރުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.

އޮންލައިންކޮށް ވިޔަފާރި ކުރާއިރު ރައްކާތެރިވުމުގެ ގޮތުން އޮންލައިން ޝޮޕިންގއަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމާއި ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން އަދި އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯރ ނުވަތަ އެޕަލް އެޕް ސްޓޯރ) ކަން ކަށަވަރުކުރުމުގެ އިތުރުން އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިންގ ސޮފްޓްވެއަރ ބޭނުންކުރުމަކީ އެޅިދާނެ ފިޔަވަޅުތަކެއް ކަމަށް އެންޓި ސްކޭމް ސެންޓަރުން ފާހަގަކުރިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%