’ޒުވާން ޚަޠީބުން' ޕްރޮގްރާމުގެ ތިން ވަނަ ބުރުގައި ބައިވެރިވި ފަރާތްތަކުގެ އިންޓަވިއު މާލޭގައި ފަށައިފިއެވެ.
’ޒުވާން ޚަޠީބުން' ޕްރޮގްރާމްގެ ތިން ބުރުގައި ބައިވެރިވުމަށްޓަކައި 338 ފަރާތަކުން ވަނީ ފޯމު ހުށައަަޅައިފައެވެ. މީގެ ތެރެއިން ޝަރުތުހަމަވެފައިވަނީ 269 ފަރާތަކުން ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުންޏެވެ.
މި އިމްތިހާނުން ފާސްވާ ފަރާތްތަކަށް ސަނަދު ދިނުމުގެ ކުރިން ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ. އަދި މި ތަމްރީނުތައް ދެއްވާނީ ރާއްޖޭގެ ފުންނާބު އުސް ޢިލްމުވެރިން ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
’ޒުވާން ޚަޠީބުން' ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ތެރެއިން ޚަޠީބުންނަށް ޚުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ތަމްރީނުތަކެއް ދެވޭނެ ކަމަށް ވުޒާރާއިން ބުންޏެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ލިބިފައިވާކަމަށް ވުޒާރާއިން ފާހަގަކުރިއެވެ.
މި ޚާއްޞަ ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ވުޒާރާއިން ފާހަގަކުރިއެވެ.