ނ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ނެރު ކައިރިން ފީނަން އުޅުނު ބަޔަކުގެ ތެރެއިން މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް ހިނގި ހާދިސާގައި ބުރިވި ބިދޭސީމީހާގެ އަތް އަދިވެސް ފެނިފައި ނުވާ ކަމަށް ފުލުހުން މިއަދު މަޢުލޫމާތު ދީފިއެވެ.
ފުލުހުންގެ މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މެއި 12 ވަނަ ދުވަހުގެ ރޭ 22:30 ގައެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަޙުޤީޤުގައި ލޯންޗު ކެޕްޓަން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މީހުންނާ ސުވާލސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ހާދިސާ ހިނގި ސަރަޙައްދު ދެ ފަހަރެއްގެ މަތިން ބަލައި ފާސްކުރެވުނު ނަމަވެސް، އަނިޔާ ލިބުނު މީހާގެ ބުރިވި އަތް ފެނިފައި ނުވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ތަޙުޤީޤުގައި މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށާއި ހެއްކަށް ބަލައި މިހާތަނަށް އަދި ފިޔަވަޅު އަޅާފައި ނުވި ނަމަވެސް، ތަޙުޤީޤުގައި ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ..









