އެމެރިކާގެ ނިއު އޯލިއަންސް ޖަލުން 10 ގައިދީން ފިލުމަށް އެހީތެރިވެދިން ކަމަށް ތުހުމަތުކުރެވޭ މެއިންޓެނަންސް މުވައްޒަފެއް އެމެރިކާގައި ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ރޭ ހައްޔަރު ކޮށްފައި ވަނީ، 33 އަހަރުގެ ސްޓަރލިންގ ވިލިއަމްސް ނަމަކަށް ކިޔާ މީހެކެވެ.
އޭނާއަށް ތުހުމަތުކުރެވެނީ ގައިދީން ގޮޅިން ފިލުމަށްޓަކައި ގޮޅީގެ ފެން ކަނޑާލައި ފާޚާނާގެ ހޮޅި ގުޅާފައިވާ ތަން ނައްޓާލުމަށް އެހީތެރިވުމެވެ. ބައެއް ހަބަރުތަކުގައިވާ ގޮތުން އެ މުވައްޒަފު ބުނެފައި ވަނީ ޖަލުގެ ގައިދީން ފިލީ އޭނާއަށް މަރުގެ އިންޒާރުދީ ވަޅިއަކުން ބިރު ދެއްކުމަށްފަހުގައެވެ.
ޖަލުން ފިލި ގައިދީންގެ ތެރެއިން 5 މީހުން ވަނީ އަލުން ހައްޔަރުކުރެވިފައެވެ. ފިލި ގައިދީންގެ ތެރޭގައި މަރުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ނުރައްކާތެރި ގައިދީން ވެސް ހިމެނޭ ކަމަށް ވެއެވެ.
އެމެރިކާގެ ޖަލުތަކުގަ ގައިދީން ފިލުމަކީ ހިނގާ ކަންކަމެވެ. 2019 ވަނަ އަހަރު އެމެރިކާގެ ސްޓޭޓް އަދި ފެޑެރަލް ޖަލުތަކުން ވެސް 2,231 ގައިދީން ފިލާފައި ވެއެވެ.
2015 ވަނަ އަހަރު ނިއުޔޯކްގެ ޖަލަކުން ވެސް ބަޔަކު ވަނީ ފިލާފައެވެ.