ކުޅިވަރާބެހޭ ބިލް ތަސްދީކުރައްވައިގެން ނޫސްވެރިންނާއެކު ރައީސް ތާރީޚުގެ ތެރެއަށް

ޢަބްދުﷲ ޖުނައިދު | 3 ދުވަސް ކުރިން - 19 މޭ 2025 14:31
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިސްލާޙު ގެނައުމުގެ ބިލު، ލައިވް އިވެންޓުގައި ނޫސްވެރިންގެ ކުރިމަތީގައި ރައީސް ތަޞްދީޤް ކުރައްވަނީ.
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިސްލާޙު ގެނައުމުގެ ބިލު، ލައިވް އިވެންޓުގައި ނޫސްވެރިންގެ ކުރިމަތީގައި ރައީސް ތަޞްދީޤް ކުރައްވަނީ.
ޚުލާސާ

ނޫސްވެރިންގެ ހާޒިރުގައި ތަޞްދީޤުކުރެއްވި މި ތާރީޚީ ބިލާއެކު ކުޅިވަރުގެ ދާއިރާގައި ތަފާތުކުރުން ނައްތާލައި، އަންހެނުންނާއި ފިރިހެނުންގެ މެދުގައި ހަމަހަމަކަން ގެނައުމަށް މަސައްކަތްކުރާނެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިސްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފިއެވެ. މި ބިލު ތަސްދީޤުކުރެއްވީ ރައީސް އޮފީހުގެ ދަރުމަވަންތަ މާލަމުގައި ރާއްޖޭގެ ނޫސްވެރިންނާއެކު ލައިވްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ ދިވެހި ތާރީޚުގައި ނޫސްވެރިންގެ ކުރިމަތީގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެއް ތަޞްދީޤް ކުރެއްވި ފުރަތަމަ ފަހަރެވެ.

މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި، ބަންޑާރަ ނައިބު އަޙްމަދު އުޝާމް އަދި ކުޅިވަރު ދާއިރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އިޞްލާޙުގެ ދަށުން ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ޤައުމީ މަޖިލިސް އަދި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގާއިމުކުރެވި، ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތަކުގެ ބާރުތައް ކަނޑައެޅިގެންދާނެއެވެ. އަދި ޤައުމީ ކުޅިވަރު ފަންޑެއް އުފެއްދި، އެލީޓް އެތުލީޓުން އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.

ކުޅިވަރު ފަންޑުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކުޅިވަރަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކުޅުންތެރިންނާއި ކުޅިވަރުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުން ހިމެނެއެވެ.

މި ފަންޑު ހިންގުމަށްޓަކައި 7 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް އެކުލަވާލެވޭނެއެވެ. މި ބޯޑަށް މެންބަރުން ޢައްޔަންކުރައްވާނީ ކުޅިވަރާބެހޭ ވަޒީރެވެ.

ނޫސްވެރިންގެ ހާޒިރުގައި ތަޞްދީޤުކުރެއްވި މި ތާރީޚީ ބިލާއެކު ކުޅިވަރުގެ ދާއިރާގައި ތަފާތުކުރުން ނައްތާލައި، އަންހެނުންނާއި ފިރިހެނުންގެ މެދުގައި ހަމަހަމަކަން ގެނައުމަށް މަސައްކަތްކުރެވޭނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%