ފިންލެންޑުގައި ދެހެލިކޮޕްޓަރު އެކްސިޑެންޓްވެ 5 މީހުން މަރުވެއްޖެއެވެ. ހޮނިހިރު ދުވަހު ފިންލޭންޑުގެ ދެކުނު-ހުޅަނގު ސަރަހައްދުގައި ހިނގި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އެސްޓޯނިއާގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އޮލެގް ސޯނަޖަލްގް ވެސް ހިމެނޭ ކަމަށް ޚަބަރުތައް ބުނެއެވެ. މި ހާދިސާ ހިނގީ މެންދުރުފަހު ކައުޓުއާ ސަރަހައްދުން ޔޫރާ އެއަރޕޯޓާ ކައިރިން ދެ ސިވިލް ހެލިކޮޕްޓަރު ޖެހިގެންނެވެ.
މި ހާދިސާގައި ޖެހުނު ދެ ހެލިކޮޕްޓަރަކީވެސް ރޮބިންސަން އާރް44 މޮޑެލްގެ ހެލިކޮޕްޓަރެވެ. އޭގެ ތެރެއިން އެއް ހެލިކޮޕްޓަރު ރަޖިސްޓްރީ ކޮށްފައިވަނީ އެސްޓޯނިއާގައި ކަމަށްވާއިރު އެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަނީ ނޯބީންނެވެ. އަނެއް ހެލިކޮޕްޓަރު ރަޖިސްޓްރީ ކޮށްފައިވަނީ އޮސްޓްރިއާގައި ކަމަށްވާއިރު އެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަނީ އެލިއޮންއިންނެވެ. މި ދެ ހެލިކޮޕްޓަރުވެސް ފުރާފައިވަނީ ޓެލިންގެ ލިންނަހޯލް ހެލިޕޯޓުންނެވެ. އަދި ދަތުރުކުރަމުން ދިޔައީ ފިންލޭންޑުގެ ކޮކެމާކީގައި ހުންނަ ޕީކަޖާވީ އެއަރފީލްޑަށެވެ.
ފިންލޭންޑުގެ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި މަރުވި ފަސް މީހުންނަކީވެސް އެސްޓޯނިއާގެ ރައްޔިތުންނެވެ. އޭގެ ތެރެއިން އެއް ހެލިކޮޕްޓަރުގައި ތިބީ ތިން މީހުން ކަމަށްވާއިރު އަނެއް ހެލިކޮޕްޓަރުގައި ތިބީ ދެ މީހުންނެވެ.
ފިންލޭންޑުގެ އޭވިއޭޝަން އެކްސިޑެންޓް އިންވެސްޓިގޭޝަން ބޯޑުން މިހާރު ދަނީ މި ހާދިސާއާ ގުޅޭ ތަހުގީގެއް ކުރަމުންނެވެ.
މަސްދަރުތަކުން އެނގޭ ގޮތުގައި މިއީ ފިންލޭންޑުގައި ފަހަކަށް އައިސް ހިނގި އެންމެ ނުރައްކާތެރި ވައިގެ ދަތުރުފަތުރުގެ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ.