ރާއްޖޭގެ ފުޓުބޯޅަ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަލީ އަޝްފާގު (ދަގަނޑޭ) އޭނާގެ ކުރީގެ ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އަނބުރާ އައުމަށް ނިންމާފައިވާ ކަމަށް އެ ޓީމުން ހާމަކޮށްފިއެވެ.
ނިއު ރޭޑިއަންޓުން މިކަން ހާމަކޮށްފައިވަނީ އެ ކްލަބްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި "އަންނަނީ އަންނަނީ" މި ޢިބާރާތާއެކު ޕޯސްޓެއް ކުރުމަށްފަހުގައެވެ. މި ޕޯސްޓުގައި ވަނީ ނިއު ރޭޑިއަންޓް ސަޕޯޓަރުންގެ ބޮޑު އެދުމެއް ފުއްދައިދޭން އުޅޭ ކަމަށްވެސް ބުނެފައެވެ.
ނިއު ރޭޑިއަންޓްގެ އޮފިޝަލަކު ”ޚުލާޞާ” އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، 39 އަހަރުގެ ދަގަނޑޭ އަނބުރާ ނިއުއަށް ގެނައުމަކީ ސަޕޯޓަރުންގެ އެންމެ ބޮޑު އެދުމެއް ކަމަށާއި، އިރާދަކުރެއްވިއްޔާ އޭގެ ފޮނިމީރުކަން ފެންނާނެ އެވެ.
އޭނާ ބުނީ ދަގަނޑޭ ގެންނަން ޓީމުން ނިންމީ ސަޕޯޓަރުން އެކަމަށް ރިކުއެސްޓް ކުރާތީއެވެ.
ދަގަނޑޭ ވަނީ ތިން ފަހަރެއްގެ މަތިން ނިއުއަށް ކުޅެ، އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އޭނާ އެންމެ ފަހުން ނިއުގެ ޖާޒީގައި ފެނިފައިވަނީ 2017-2018 ގައެވެ. މީގެ ހަތް މަސް ކުރިން ކަކުލުގެ އޮޕަރޭޝަނެއް ކުރި ދަގަނޑޭ އަންނަނީ ރެކްރިއޭޝަނަލް ލެވެލްގެ އެކި މުބާރާތްތަކުގައި ކުޅެމުންނެވެ.