އެފްއޭއެމް ލީގު ކަޕްގައި މިއަދު ހަވީރު ކުޅޭ މެޗުން މޮޅުވުމަށް ނިއުރޭޑިއަންޓް ޓީމް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެ ޓީމުން ބުނެފިއެވެ.
މިއަދު ހަވީރު ކުޅޭ މެޗުގައި ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅޭނީ ޓީސީ ސްޕޯޓްސް ކުލަބެވެ. މި މެޗާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިއުރޭޑިއަންޓްގެ ސީނިއަރ ވައިސް ޗެއަރމަން އަލީ އިބްރާހީމް (ކައްޕި) ވިދާޅުވީ މިއަދުގެ މެޗުން ތިން ޕޮއިންޓް ހޯދުމަކީ ޓީމުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.
"މެޗުން މޮޅުވުމަށް ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓް ވެސް އޮތީ ނިއުގެ ރޫހުގައި. ހުރިހާ ސަޕޯޓަރުން ވެސް ޓީމުގެ ރޫހާ އެއްގޮތަށް ދަނޑަށް ގޮސް ސަޕޯޓު ކުރުމަކީ ވަރަށް ބޮޑު އެދުމެއް،" ކައްޕި ވިދާޅުވިއެވެ.
ކައްޕި އިތުރަށް ވިދާޅުވީ މުބާރާތުގެ ފުރަތަމަ މެޗުގައި ނުފެނުނު ބައެއް މުހިންމު ކުޅުންތެރިން މިއަދުގެ މެޗުގައި ފެނިގެންދާނެ ކަމަށެވެ. އެއީ އަނިޔާގެ ސަބަބުން ކުރީ މެޗުގައި ނުކުޅުނު ބައެއް ކުޅުންތެރިން ކަމަށް އޭނާ ވިދާޅުވިއެވެ.
"ޓީމާ ފަހުން ގުޅުނު ކުޅުންތެރިންނާއެކު ރަނގަޅު ފަރިތަކުރުންތަކެއް ގެންދެވިފައިވާތީ ޓީމުގެ ކޮމްބިނޭޝަން ކުރިއަށްވުރެ ވަރުގަދަވެފައިވޭ. ރަނގަޅު ކުޅުމެއް ދައްކައި ނިއުއިން މިއަދު އިރާދަކުރެއްވިއްޔާ ނަތީޖާ ނެރޭނެ،" ކައްޕި ވިދާޅުވިއެވެ.
މި މުބާރާތުގައި ނިއުރޭޑިއަންޓުން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މާޒިޔާ ސްޕޯޓްސް ކުލަބާއެވެ. މިމަހުގެ ފަސްވަނަ ދުވަހު ކުޅުނު އެ މެޗުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
މިއަދު ޓީސީ އާއި ދެކޮޅަށް ނިއު ނިކުންނައިރު ލީގު ކަޕުގައި ޓީސީގެ މައްޗަށް މާޒިޔާއިން ކުރި ހޯދާފައިވަނީ 2-0 ލަނޑުން ކަން ފާހަގަކޮށްލެވެއެވެ.