ދައުލަތުގެ ޚަރަދަށްވުރެ ޢާމްދަނީ އިތުރުވެ، ސަބްސިޑީ ހޭދަ ދަށަށް

އުސްތާޛް މުޙައްމަދު ޢަލީ | 9 ގަޑިއިރު ކުރިން - 18 މޭ 2025 17:46
އެސްޓީއޯގެ ޕިކަޕުން ކާޑު ޑެލިވަރީ ކުރަނީ: ސަބްސިޑީ ދިނުމަށް ކުރާ ހޭދަ 21.2 ޕަސެންޓު ވަނީ ދަށްވެފަ.
އެސްޓީއޯގެ ޕިކަޕުން ކާޑު ޑެލިވަރީ ކުރަނީ: ސަބްސިޑީ ދިނުމަށް ކުރާ ހޭދަ 21.2 ޕަސެންޓު ވަނީ ދަށްވެފަ.
ޚުލާސާ

މިދިޔަ އަހަރު 11.9 ބިލިއަން ިއަން ރުފިޔާގައި ހުރި ރިކަރަންޓު ޚަރަދުތައް، މި މަހުގެ 8 އާ ހަމައަށް ވަނީ 11.3 ބިލިއަން ރުފިޔާއަށް ދަށްކޮށްފަ.

މި އަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދަށް ވުރެ އާމްދަނީ އިތުރުކޮށް، ބަޖެޓު ސާޕްލަސްގައި ހިފަހައްޓަމުން އައިސްފައިވާއިރު، ސަރުކާރުން ސަބްސިޑީ ދިނުމަށް ކުރާ ހޭދަ 21.2 ޕަސެންޓު ދަށްވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 8 ވަނަ ދުވަހާއި ހަމައަށް ސަބްސިޑީއަށް ހޭދަކޮށްފައިވަނީ ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީ ދިނުމަށް ހޭދަކުރި 1.38 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު، 21.2 ޕަސެންޓު މަދު އަދަދެކެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސަބްސިޑީއާއެކު ދައުލަތުގެ ޖުމްލަ ރިކަރަންޓު ޚަރަދު ވެސް މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ވަނީ ވަރަށް ބޮޑަށް ދަށްކޮށްފައެވެ. މިދިޔަ އަހަރު 11.9 ބިލިއަން ިއަން ރުފިޔާގައި ހުރި ރިކަރަންޓު ޚަރަދުތައް، މި މަހުގެ 8 އާ ހަމައަށް ވަނީ 11.3 ބިލިއަން ރުފިޔާއަށް ދަށްކޮށްފައެވެ.

އެހެންނަމަވެސް، މުސާރައާއި ޕެންޝަނަށް ކުރި ހޭދަ މިދިޔަ އަހަރަށް ވުރެ އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިދިޔަ އަހަރު މުސާރައާއި ޕެންޝަނަށް ހޭދަކުރި 4.5 ބިލިއަން ރުފިޔާ، މި އަހަރުގެ އެ މުއްދަތުގައި ވަނީ 4.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.

ދައުލަތުގެ އާމްދަނީއަށް ބަލާއިރު، ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، 14.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ދައުލަތުން ކޮށްފައިވާ ޚަރަދު ދަށްވެ، ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ސާޕްލަސް ވަނީ 1.9 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް ރެކޯޑްކޮށްފައިވާ 2.4 ބިލިއަން ރުފިޔާގެ ޑެފިސިޓާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 35.8 ޕަސެންޓު ވަނީ 8 މެއިގެ ނިޔަލަށް ދައުލަތަށް ލިބިފައެވެ. މިއީ މިދިޔަ އަހަރަށް ވުރެ 6.8 ޕަސެންޓު އިތުރު އަދަދެކެވެ.

މި ހިސާބުތަކުން ދައްކާ ގޮތުގައި، ސަރުކާރުން ޚަރަދުތައް ކުޑަކުރުމަށް ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ދައުލަތަށް ފައިދާވެ، މިސަރުކާރުގެ އަމާޒަށް ވާޞިލްވެ ރައްޔިތުންނަށް ފުދުންތެރި މުސްތަޤްބަލެއް ލިބޭނެ ކަމުގެ ފެހި ސިގްނަލް މިދަނީ ފެންނަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%